ކޯލިޝަނަކުން ވެރިކަން ކުރަން އޭގައި ހިއްސާވާ ޕާޓީތަކުގެ ވެރިންނަށާއި އެ މީހުންގެ އަނބިދަރިންނަށް ވަޒީފާ ދީގެން ސަރުކާރެއް ހިންގުމަކީ ކޯލިޝަނެއް ދަމަހައްޓަން އެނގުން ނޫން ކަމަށް ވިދާޅުވެ ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފާޑު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ކޯލިޝަނެއްގެ އެހީ ބޭނުން ވާނެ ކަމަށް ރައީސް އައްޑޫގައި އިއްޔެ ވިދާޅުވުމާ ގުޅިގެން މަޑުއްވަރީ ދާއިރާގެ މެމްބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހުގެ އަމާޒު އޮތީ ވެސް ކޯލިޝަނެއްގެ އެހީގައި އަލުން ވެރިކަމަށް ވަޑަިގެންނެނެވުން ކަމަށެވެ.
ސަރުކާރު މިހާރު ވެސް ހިންގަނީ ކޯލިޝަނަކުންނެވެ. އޭގައި ހިމެނެނީ އެމްޑީޕީގެ އިތުރުން ޖޭޕީ އާއި އަދާލަތާއި އެމްއާރްއެމެވެ.
"ކޯލިޝަންތަކުގެ ވެރިންނަށާއި އަނބިދަރިންނަށް ވަޒީފާ ދީގެން ކޯލިޝަންގެ މަލަރު އެޅުމަކީ މީހުން ގެންގުޅެން ދަންނަނީ ކަމަކަށް ނުބެލެވޭނެ." ރައީސަށް އިޝާރާތްކޮށް އާދަމް ޝަރީފް ވިދާޅުވި އެވެ.
ރައީސް ސޯލިހާއި ކޯލިޝަނުން ވެސް ބުނާ ގޮތުގައި ކޯލިޝަން ނުރޫޅުވި މިހާތަނަށް އޮތުމަކީ ސިޔާސީ ގޮތުން ބޮޑު ކާމިޔާބީއެކެވެ. އަދި އެއީސްގެ ހިކުމަތްތެރިކަމެވެ. އަދި އެމަނކުގާނަކީ ގިނަ ބަޔަކާ ގުޅިގެން އެކީގައި މަސައްކަތްކުރައްވަން އެނގިވަޑައިަންނަވާ ބޭފުޅެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
ރައީސް އިއްޔެ ހިތަދޫގައި ސަޕޯޓަރުންތަކަކާ ބައްދަލު ކުރައްވައި ވިދާޅުވީ އެމްޑީޕީ އަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ ކަމަށް ވިޔަސް އެ ޕާޓީ އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ކޯލިޝަނެއްގެ އެހީގައި ކަމަށެވެ.
"އެމްޑީޕީ އަކީ އެންމެ ބޮޑު ޕާޓީއެއް ކަމަށް ވިއަސް އަދިވެސް ރާއްޖޭގެ ސިޔާސީ މަސްރަހު މިއޮތް ގޮތުން އިންތިހާބެއް ކާމިޔާބު ކުރެވޭތަން މި ފެންނަނީ އަދި އަޅުގަނޑުމެނާ އެކީގައި އެހެން ބަޔަކު ބައިވެރިވެގެން،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ މާޒީ އަށް ބަލާ އިރު މިކަން ވެފައި އޮތްގޮތް ވަރަށް ސާފުކޮށް ފެންނަށް އެބަ އޮތް."
ރައީސް ގެންދަވަނީ މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ޕްރައިމަރީ އަށް ކެމްޕޭން ކުރައްވަމުންނެވެ. އޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާދަކުރައްވަ އެވެ.