Last Updated: July 24, 11:07
Friday, July 24, 2026
ޚަބަރު

ޔާމީންގެ ޝަރީއަތުގެ ރިޕޯޓު ކޯޓުން ދޫކޮށްފި

ރައީސް ޔާމީން އައްޑޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން / ފޮޓޯ: ޕީޕީއެމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ މުޅި ރިޕޯޓު ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްފި އެވެ.

ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނޭ އާދަމް ޝަމީމް ވިދާޅުވީ މިއަދު ރިޕޯޓް ލިބިފައިވާ ކަމަށާއި ކުރިއަށް އޮތީ ބުރަ ދުވަސްކޮޅެއް ކަމަށެވެ.

ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ މަހުގެ 25 ގަ އެވެ. ނަމަވެސް ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ނުލިބޭތީ އެ ހުކުމް އަދިވެސް އިސްތިއުނާފްކޮށްފައެއް ނުވެ އެވެ.

ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. ދައުވާތައް ސާބިތުވުމުން ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްތެރޭ ދެއްކުމަށް ވެސް އަމުރުކޮށްފަ އެވެ.

މި ދައުވާތައް ސާބިތުވުމުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް މިހާރު ވަނީ ބަންދުވެފަ އެވެ.