Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ހުޅުމާލެ ހޮސްޕިޓަލްގެ ކްލިނިކެއް ހިޔާ ސަރަހައްދަށް

ހިޔާ ސަރަހައްދުގައި ހުޅުވި ޖީޕީ ކްލިނިކް / ފޮޓޯ: އެޗްޑީސީ

ހިޔާ ސަރަހައްދުގައި އާންމު ބަލިތަކަށް ފަރުވާދޭނެ ކްލިނިކެއް ހުޅުވައި، ޙިދުމަތް ދޭން ފަށާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ހާމަކޮށްފިއެވެ.

އެޗްޑީސީން ބުނީ، ހުޅުމާލޭގައި ހުޅުވި މި ކްލިނިކަކީ ހުޅުމާލޭ ހޮސްޕިޓަލާއި ގުޅިގެން ހިންގާ ކްލިނިކެއް ކަމަށެވެ. މި ކްލިނިކުން ހުކުރު ދުވަހާއި ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހެއްގެވެސް ހެނދުނު 10:00 އިން ހަވީރު 5:00 އަށް ހިދުމަތް ލިބިގެންދާނެ ކަމަސް އެޗްޑީސީން ބުނެއެވެ. ކްލިނިކް ޤާއިމްކޮށްފައިވަނީ 16 ވަނަ ޓަވަރުގައެވެ.

ހިޔާ ސަރަހައްދުގައި ހުޅުވި ޖީޕީ ކްލިނިކް / ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ ހޮސްޕިޓަލާއި ގުޅިގެން ހިންގާ މި ކްލިނިކްގެ ސަބަބުން ހިޔާ ސަރަހައްދުގައި އުޅޭ ފަރާތްތަކަށް އެއްވަނަ ފިޔަވަހީގައި ހުންނަ ހުޅުމާލޭ ހޮސްޕިޓަލަށް ނުގޮސް ގާތުން ފަރުވާ ލިބޭނެއެވެ. މި ކްލިނިކް ޤާއިމްކޮށްފައިވަނީ ލެބޯޓަރީ ޙިދުމަތާއި، ޕަބްލިކް ހެލްތު ޔުނިޓުގެ ޙިދުމަތުގެ އިތުރުން، އެސްޓީއޯ ފާމަސީއާއިވެސް މި ތަނުގައި ވަނީ ޤާއިމްކޮށްފައެވެ.

ހުޅުމާލޭ ހޮސްޕިޓަލާއެކު ޤާއިމް ކުރެވުނު މި ކްލިނިކްގެ ސަބަބުން ހުޅުމާލޭ ހޮސްޕިޓަލަށް އާންމު ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ލޯޑު ކުޑަވާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ހިޔާ ސަރަހައްދުގައި ހުޅުވި ޖީޕީ ކްލިނިކް / ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި އެކި ޙިދުމަތްތައް ދިނުމަށް އެޗްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ. މި ގޮތުން ހިޔާ ސަރަހައްދުގައި އާންމުންނަށް ބޭނުންވާ ޒަރޫރީ ވަސީލަތް ޤާއިމްކުރުމަށް އެކި މަސައްކަތްތައް މިހާރުވެސް ކުރިއަށް ދެއެވެ.