Last Updated: April 20, 09:47
Saturday, April 20, 2024
ކުޅިވަރު

ރެއާލް ބަލިކޮށް ސުޕަ ކަޕް ބާސާ ނަގައިފި

ރެއާލް މެޑްރިޑް 3-1 އިން ބަލިކޮށް ސްޕެނިޝް ސުޕަ ކަޕް ބާސެލޯނާ އިން ކާމިޔާބުކޮށްފި އެވެ.

ސައުދީ އަރަބިއްޔާގައި ރޭ ކުޅުނު ފައިނަލް މެޗުގެ ކުރީކޮޅު ދެ ޓީމަށްވެސް ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބިިފައިވެ އެވެ. އެގޮތުން ރެއާލްގެ ފޯވާޑް ކަރީމް ބެންޒެމާ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ކުޑަތަންކޮޅެއް ބޭރުން ދިޔައިރު ބާސާގެ ފޯވާޑް ރޮބަޓް ލެވެންޑޯސްކީ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ދަނޑި އަށް ވަނީ އަމާޒުވެފަ އެވެ.

ނަމަވެސް މެޗުގެ 33 ވަނަ މިނެޓްގައި ރޮބަޓް ލެވެންޑޯސްކީ ދިން ޕާހަކުން އުމުރުން 18 އަހަރުގެ ގަވީ ވަނީ ބާސާ އަށް ލީޑު ނަގާދީފަ އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ގަވީ ދިން ޕާހަކުން ބާސާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ލެވެންޑޯސްކީ އެވެ.

ދެވަނަ ހާފްގައި ވެސް ބާސާ އިން ރެއާލްގެ ގޯލަށް ނުރައްކާ ކުރަމުންދިޔައިރު ގަވީ ނަގައިދިން ހުރަހަކުން މެޗުގެ 69 ވަނަ މިނެޓްގައި ބާސާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ޕެޑްރީ އެވެ. ރެއާލްގެ ހަމައެކަނި ގޯލު މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ކަރީމް ބެންޒެމާ އެވެ.

މިއީ 2018 ވަނަ އަހަރަށްފަހު ބާސާ އިން ސުޕަ ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.