Last Updated: April 23, 23:56
Wednesday, April 24, 2024
ރިޕޯޓް އެމްޑީޕީ

ރައީސް ސޯލިހަށް މިކަން ވާނެ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ, އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ވެފައިވަނީ ހަމައެކަނި އެޕާޓީގެ ޕްރައިމަރިއަކަށް ނޫނެވެ. މިއީ ރާއްޖޭގެ މިވަގުތުގެ ސިޔާސީ މުސްތަގުބަލާ ގުޅިފައިވާ ޕްރައިމަރީއެކެވެ. ސިޔާސީ އެހެން ޕާޓީތަކުގެ ނިންމުންތަކާއި, ކުރިއަށްއޮތް ފަސް އަހަރު ޕްލޭން ކުރާނޭ ގޮތާ ގުޅިފައިވާ ޕްރައިމަރީ އެކެވެ. އެއްކޮޅުން އެމްޑީޕީގެ ރައީސް, ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އަނެއްކޮޅުގައި ކޯލިޝަން ދަމަހައްޓަވަމުން އަންނަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ޖެނުއަރީ 28 ވަނަ ދުވަހު އެމްޑީޕީގެ ޕްރައިމަރީ ބާއްވާއިރު, ކެމްޕޭންގެ ފޯރި އިންތިހާއަށް މިވަނީ ގަދަވެފައެވެ. ދެ ރައީސުންވެސް ރަށްރަށަށް ދަތުރުކުރައްވާ އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވާ އިންތިހާބެއް ކާމިޔާބު ކުރެއްވުމަށް ކުރެވެންހުރި މަސައްކަތްތައް އަންނަނީ ކުރައްވަމުންނެވެ.

ރައީސް ނަޝީދު ކެމްޕޭން ފެއްޓެވީ ރައީސް ސޯލިހް "ރިއެކްޓް ނުކުރައްވާ" ކަމަށް ވިދާޅުވަމުންނެވެ. ރައީސް ސޯލިހް ކެމްޕޭން ފައްޓަވާ އަދި ކުރިއަށް އެ ވަޑައިގަންނަވަނީ ރައީސް ނަޝީދުގެ ކޮންމެ ވާހަކައަކަށް, ކޮންމެ ޖުމުލަ އަކަށް, އެމަނިކުފާނުގެ ވާހަކަތަކަށް ހަދާ ޚަބަރުތަކުގެ ސުރުހީތަކަށްވެސް ރައްދު ދެއްވާ "ރިއެކްޓް" ކުރައްވަމުންނެވެ. އެއްކޮޅުން ފާޑުކިޔުމަށް "އަންނަނީ, އަންނަނީ, ކުރަނީ" ގޮވާއިރު, އަނެއްކޮޅުން ރައްދުގައި ބުނަނީ "ނިމެއްޖެ, ނިމެއްޖެ, ނިމެއްޖެ" ކަމަށެވެ.

ރައީސް ނަޝީދު މާލޭގައި ޖަލްސާއެއް ބާއްވަވާ އަދި ތުޅާދޫ ފަދަ ރަށްރަށުގައި ފޯރި އަރުވާލުމުން ރައީސް ސޯލިހް ވަޑައިގަތީ އައްޑޫސިޓީއަށެވެ. މިސަރުކާރުގެ މަތިފަޑީގައި "ބާކީ ކުރެވިފައި"ވާކަމަށް ހުދު ރައީސް ސޯލިހްވެސް ގަބޫލުކުރައްވާ އައްޑޫސިޓީން އެމަނިކުފާނަށް ފެނުނު މަންޒަރުތަކުގެ ހިސާބު ޖެއްސެވުން އެބޭފުޅުންނަށް ދޫކޮށްލާނަމެވެ. އެހެންނަމަވެސް ވެރިކަމުގެ މިވީ ހަތަރު އަހަރުގައި ރަށްރަށުގައި ހިންގާފައި ހުރި ޕްރޮޖެކްޓު ތަކާއި, މަޖިލީހުގެ އަޣުލަބިއްޔަތު މެޖޯރިޓީ ހޯދުމުގައި ކުރެވިފައި ހުރި މަސައްކަތުން އެމަނިކުފާނުވެސް "ފަނޑުފުލުން" ނުދާނެކަން ޔަގީނެވެ.

ހުރިހާ ސިޔާސީ ޕާޓީއެއްގެ ނަޒަރު މިވަގުތު ހުއްޓިފައިވަނީ މި ޕްރައިމަރީއަށެވެ. ރާއްޖޭގެ ބިޔަ ބޮޑު ރީންދޫ ލަޝްކަރުގެ އެތެރޭގެ އިންތިހާބަށެވެ. މިއީ ޤައުމީ އިންތިހާބެކޭވެސް ބުނެވޭހާ ފޯރި ގަދައެވެ. މިކަމުގެ ވާހަކަ ނުދައްކާ ސިޔާސީ ޕާޓީއެއް ނެތެވެ. ޕީޕީއެމްގެ ތެރެއިންވެސް އަދި ކޯލިޝަން އަދާލަތު ޕާޓީގެ ރައީސް, ދާޚިލީ ވަޒީރުވެސް ހުއްޓުމެއް ނެތި ދައްކަވަނީ މިވާހަކައެވެ. ރިޔާސީ އިންތިހާބުތަކުގައި "ކިންގް މޭކާ" ކަމަށްބުނާ ޤާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީންވެސް ތޭވީހުގެ އިންތިހާބާ މެދު ވަކިގޮތެއް ނުނިންމާ އޮތީ މި ޕްރައިމަރީގެ ވާދަވެރިކަން ބޮޑުކަމުން ކަމަށް އަޑުއިވެއެވެ.

ތޭވީހަކީ ސިޔާސީ އަހަރެކެވެ. އަހަރު ފެށީ އެމްޑީޕީގެ ޕްރައިމަރީންނެވެ. ތޭވީހުގެ ސިޔާސި ހުރިހާ ކަމެއް ބައްޓަންވާނީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށެވެ. ހިތުގައި އުފެދެނީ, އެއް ކޯލިޝަނަކަށް ރައްޔިތުން ދެވަނަ ފަހަރަށް ވޯޓު ދީފާނޭ ކަމުގެ ސުވާލެވެ. ކޯލިޝަން ވެރިކަމެއް ރައްޔިތުން ބޭނުންވޭތޯ ކުރެވޭ ސުވާލެވެ. ކޯލިޝަނަކާ ނުލާ އެއް ކެންޑިޑޭޓަކަށް އެއްބުރުން އިންތިހާބެއް ކާމިޔާބު ކުރެވިދާނެތޯ ކުރެވޭ ސުވާލެވެ. އެހެންނަމަވެސް މިވަގުތު އެންމެވެސް ކުރާ ސުވާލަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ރައީސް މުހައްމަދު ނަޝީދު ބަލިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބު ކުރެވިދާނެތޯ ކުރާ ސުވާލެވެ. މަސްރަހު އަދި ފެންނަނީ ވަރަށް ވެސް ވާދަވެރިކޮށެވެ.