Last Updated: April 23, 17:50
Tuesday, April 23, 2024
ދުނިޔެ

ނޭޕާލުގެ މަދިންދާބޯޓެއް ވެއްޓި 68 މަރު

ނޭޕާލުގެ މަތިންދާބޯޓެއް ވެއްޓި 68 މީހަކު މަރުވެއްޖެ އެވެ.

އިއްޔެ ހިނގި މި ހާދިސާގައި ވެއްޓުނީ ޔެޓީ އެއާލައިންސްގެ ބޯޓެކެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޯޓް ވެއްޓުނީ ވެރިރަށް ކަތުމަންޑޫން ފުރައިގެން ޓޫރިސްޓް ސަރަހަދެއްދެއް ކަމަށްވާ ޕޮކާރާއަށް ދަތުރު ކުރަނިކޮށެވެ. ބޯޓް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވާ އިރު، މި ހާދިސާއާ ގުޅިގެން ނޭޕާލަށް ވަނީ ބޮޑު ހިތާމައެއް ކުރިމަތިވެފަ އެވެ.

އެހެންވެ މިއަދަކީ ގައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހާލް ވަނީ ކަނޑައަޅުއްވައިފަ އެވެ.

އިއްޔެ މަތިންދާބޯޓެއް ވެއްޓި ގިނަ އަދަދެއްގެ ބަޔަކު މަރުވި ހާދިސާ އަކީ ފާއިތުވި 30 އަހަރުގެ ތެރޭގައި ނޭޕާލްގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާ އެވެ. ނަމަވެސް ޔެޓީ އެއާލައިންސްގެ ބޯޓް ވެއްޓެން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ މި ހާދިސާ ތަހުގީގުކުރަން ފަށައިފަ އެވެ.

ބޯޓް ވެއްޓި މިހާތަނަށް 68 މީހަކު މަރުވުކަން ކަށަވަރުވެފައިވާ އިރު، ބޯޓުން ދަތުރުކުރި އިތުރު މީހުން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ބޯޓްގައި ޖުމްލަ 72 މީހަކު ތިބި އިރު މީގެ ތެރެއިން 15 މީހުންނަކީ ބޭރު މީހުންނެވެ. އޭގެ ތެރޭގައި އިންޑިއާ، ރަޝިއާ، ކޮރެއާ، އަޔަލޭންޑް، އޮސްޓްރޭލިއާ، އާޖެންޓީނާ އަދި ފްރާންސް މީހުން ހިމެނެ އެވެ.