މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކެންޑިޑޭޓެއް ނެރުމާ މެދު އަންނަ މެއި މަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު އަދި މަހުޖަނު ގާސިމް އިބްރާހީމްގެ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރުމާ މެދު ގޮތެއް ނިންމާނީ އަންނަ މަހު ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާއިން ކަމަށެވެ. އަދި މިހާތަނަށް އެޕާޓީން ރިޔާސީ އިންތިހާބާ ބެހޭ ގޮތުން ރަސްމީ އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޖޭޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރުކަން ބަޔާންވެފައިވެ އެވެ. ގާސިމް ރިޔާސީ އިންތިހާބަށް ގާސިމް ވާދަކޮށްފާނެކަމުގެ އިޝާރާތްތަކެއް ޖޭޕީން މިދިޔަ އަހަރުގެ ތެރޭގައި އެކި ފަހަރު މަތިން ދީފައިވެ އެވެ.
"ގާސިމް ބޭނުންފުޅު ވަނީ އަންނަ ގައުމީ މަޖިލީހުގެ ޖަލްސާ އިން އިންތިޚާބުކުރާ އައު ކައުންސިލުން މި އަހަރުގެ އިންތިހާބަށް ގޮތެއް ނިންމުމަށް. އެހެންކަމުން މޭ މަހުގެ ތެރޭގައި މިކަމަށް ގޮތެއް ނިންމޭނެ." އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުޅި ޖޭޕީ އޮތީ އެއްކޮށް ގާސިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ވެސް އެދިއެދި ކަމަށެވެ. މިހާރު ބައެއް އާންމުންނާއި ބައެއް ވިޔަފާވެރިން ވެސް ގެންދަނީ ސޯޝަލް މީޑިއާގައި ގާސިން ވާދަކުރަން އެދެމުންނެވެ.
ހިންގުންތެރި، ހިކުމަތްތެރި ވިޝަނަރީ ލީޑަރެއް. ރައްޔިތުންގެ ހައްގުގައި ދެގޮތެއްނުވެ ދެމިހުރި މަދަދުގާރެއް.
#QASIM2023
#HOPE4THENATION pic.twitter.com/Ju4AkYg3bD— ᗰᝪᕼᗩᗰᗴᗞ ᗩᗞᕼᑌᕼᗩᗰ (@M_Adhuham) January 14, 2023
ގާސިމަކީ 2008 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވި ބޭފުޅެކެވެ. ޖޭޕީ އަކީ މިހާރުގެ ސަރުކާރުގެ ކޯލިޝަން ބައިވެރިއެކެވެ. އެ ކޯލިޝަނުގައި ހިމެނެނީ އެމްޑީޕީ އާއި ޖޭޕީ އާއި އަދާލަތުގެ އިތުރުން އެމްއާރްއެމެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު ބާއްވާނީ ސެޕްޓެމްބަރު މަހުގެ 9 ގަ އެވެ.