Last Updated: April 20, 16:20
Saturday, April 20, 2024
ދުނިޔެ

އަފްގާންގެ ކުރީގެ އެމްޕީއަކު އަވަހާރަކޮށްލައިފި

އަފްގާނިސްތާންގެ ކުރީގެ މަޖިލިސް މެމްބަރެއް ކަމަށްވާ މުރްސަލް ނަބީޒާދާ އަވަހާރަކޮށްލައިފި އެވެ.

ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ ނަބީޒާދާ، 32، އާއި އޭނަގެ ބޮޑީގާޑެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި ބޭބެ އާއި އިތުރު ސެކިއުރިޓީ އަކު މަރާލާފައި ވަނީ ކާބުލްގައި ނަބީޒާދާ ދިރިއުޅުއްވަމުން ގެންދެވި ގޭގައި އިއްޔެ ކަމަށެވެ. އެ މީހުންނަށް ހަމަލާ ދީފައި ވަނީ ބަޑިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަބީޒާދާ އަކީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ހަރުކަށި ތާލިބާންގެ އަތްދަށަށް އަފްގާނިސްތާން ދިޔަ ފަހުން ކާބުލްގައި ސާބިތުވެ ހުންނެވި މަދު އެމްޕީންގެ ތެރެއިން އެކެކެވެ. ތާލިބާންގެ ވެރިކަން ފެށުމާ ހަމައަށް އޭނާ ހުންނެވީ އިރުމަތީ ޕްރޮވިންސެއް ކަމަށްވާ ނަންގަރްހާރްގެ މެމްބަރުގެ ގޮތުގަ އެވެ. އެ ދާއިރާ އަށް ނަބީޒާދާ އިންތިހާބުވެވަޑައިގެންނެވީ 2018 ގަ އެވެ.

އޭނަ އަވަހާރަކޮށްލުމާ ގުޅިގެން ކާބުލް ފުލުހުންގެ ތަރުޖަމާނު ހާލިދު ޒަދުރާން ވިދާޅުވީ އެ ހާދިސާ މިހާރު ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.