Last Updated: May 6, 20:00
Monday, May 6, 2024
ޚަބަރު އެމްޑީޕީ

އައްޑޫގެ ތަރައްގީ "އަންނަނީ" ގައި އޮތުމަކީ ކަންބޮޑުވުމެއް

އައްޑޫގެ ތަރައްގީ "އަންނަނީ" ގައި ބޭއްވުމުން ރައްޔިތުން ކަންބޮޑުވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕޭނާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، އައްޑޫސިޓީގެ ތަރައްގީގެ ތަސައްވުރެއް އަބަދުވެސް އެމަނިކުފާނު ގެންގުޅުއްވި ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގައި ކުރި މަސައްކަތުން އައްޑޫގެ ވަރަށް ގިނަ މަގު ހެދުނު ކަމަށާއި އަދި ކޮންވެންޝަން ސެންޓަރެއްވެސް ގާއިމުކުރެވުނުކަން ފާހަގަ ކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޮންވެންޝަން ސެންޓަރު އެޅިއިރު އަމާޒަކަށްވީ ކޮންވެންޝަން ޓޫރިޒަމަށް އަމާޒު ހިފުންކަމަށާއި، އެހެންނަމަވެސް އެތަން ބަދަލުވީ ހޮސްޕިޓަލަކަށް ކަމަށެވެ. އަދި 2012 ފެބްރުއަރީ 7 ގައި ވެރިކަން ބަދަލުކުރުމަށްފަހު ކޮންވެންޝަން ސެންޓަރުގައި ހުރި ބައެއް ތަކެތި މާލެވެސް ގެނައިކަން ފާހަގަކުރެއްވިއެވެ.

އައްޑޫސިޓީ ތަރައްގީ ކުރުމަށް އެމްޑީޕީގެ ސިޔާސަތުގައި އައްޑޫގެ ޕޯޓް ތަރައްގީ ކުރުން، އެއާޕޯޓް، އައްސޭރި ޓުރިޒަމް ތަރައްގީކުރުން، މަސްބަންދު ކުރެވޭނެގޮތް ހެދުންފަދަ ވަރަށް ބައިވަރު މަސައްކަތްތަކާއި ސިޔާސަތުތައް އޮތް ކަމަށާއި، އެހެންނަމަވެސް އެކަންކަން ތަންފީޒު ނުކުރެވޭތީ އެމްޑީޕީ މެމްބަރުން ސަރުކާރާމެދު ނުރުހުންވާކަން ފާހަގަކުރެއްވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އައްޑޫސިޓީއާމެދު އަމަލުކުރާނޭ ގޮތް އެއީ އައްޑޫ ރައްޔިތުންނަށް އެނގޭނެ ކަމެއް ކަމަށެވެ.

"އައްޑޫގެ ދައުރު އަޅުގަނޑުމެންގެ ތަރައްގީގައި ބޭނުންކުރުމަށް، މިސަރުކާރު މިއޮތީ ވަރަށް ބޮޑަށް އިހުމާލުވެފައި. އެއީ އަޅުގަނޑަށް އަބަދުވެސް ފާހަގަކުރެވެމުން އަންނަ ކަންބޮޑުވުމެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ތަރައްގީ "އަންނަނީ" ގައި ތިބެންޖެހުމުން ރައްޔިތުން ކަންބޮޑުވާ ކަމަށެވެ. ހާއްސަކޮށް އައްޑޫގެ މަގުތަކާއި ނަރުދަމާ ފަދަކަންކަން ދިގުލާގޮސް "އަންނަނީ، އަންނަނީ"ގައި ތިބެންޖެހުމުން ރައްޔިތުން ކަންބޮޑުވާކަމަށެވެ. އެމްޑީޕީގައި އައްޑޫ ތަރައްގީ ކުރުމުގެ ތަސައްވަރެއް އެބަ އޮތްކަމަށާއި، އެކަން ހަގީގަތަކަށް ހަދައިދޭނެކަމަށް ވިދާޅުވިއެވެ.

އައްޑޫގައި އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ރައްޔިތުންނަށް އާމްދަނީ ލިބޭނޭގޮތެއްވުންކަން ފާހަގަކޮށް ރައިސް ނަޝީދު ވަނީ ޝަންގްރިއްލާ ހުޅުވުމުގެ މަސައްކަތް ލަސްވެގެން ދިޔަދިޔުމަށް ފާޑުވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ ޝަންގްރިއްލާގައި ސަރުކާރުގެ 30 އިންސައްތަ ހިއްސާ އޮތުމުގެ ބޭނުމެއްނެތް ކަމަށާއި، ގަން އެއާޕޯޓުގައިވެސް ސަރުކާރުގެ ހިއްސާ އޮވެ ތަރައްގީ ނުވެ އޮތްކަމަށެވެ.

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ރައީސް ސޯލިހަށް ރައްދު ދޭންނުޖެހޭ ކަމަށާއި، ރައްޔިތުން އެކަން ކުރަމުންދާ ކަމަށެވެ.