Last Updated: April 19, 06:56
Friday, April 19, 2024
މީހުން

މިސް ޔުނިވާސްގެ ތާޖު އެމެރިކާ އަށް

މިދިޔަ އަހަރުގެ މިސް ޔުނިވާސްގެ މަގާމު މިސް އެމެރިކާ އާބޮނީ ގެބްރިއަލް އަށް ލިބިއްޖެ އެވެ.

މިއީ ފާއިތުވި 10 އަހަރު ތެރޭގައި އެ މަގާމު އެމެރިކާގެ ރީތީގެ ރާނީއަކަށް ލިބުނު ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އެމެރިކާ އަށް މިސް ޔުނިވާސްގެ ތާޖު ގެނެސްދިނީ 2012 ގައި އެ މަގާމު ހާސިލުކުރި އޮލީވިއާ ކަލްޕޯ އެވެ.

މި އަހަރު ބޭއްވި 71 ވަނަ މިސް ޔުނިވާސްގެ މަގާމު ތާޖު ގެބްރިއަލްގައި ބޮލުގައި އަޅުވައި ދިނީ އެމެރިކާގެ ލޫޒިއާނާ ސްޓޭޓްގެ ނިއު އޯލިއަންސް މޯރިއަލް ކޮންވެޝަން ސެންޓަރުގައި ބޭއްވި ކުލަގަދަ ހަފުލާގައި 2021 ގެ މިސް ޔުނިވާސް އިންޑިއާގެ ހަރްނާޒް ސަންދޫ އެވެ.

މިސް ޔުނިވާސް ތާޖު ބޮލުގައި ބޭންދުމުގެ ފުރުސަތު ލިބުމުގެ ކުރިން ތާޖު ލިބިއްޖެ ނަމަ އަންހެނުންގެ ހައްގުގައި ކުރާނީ ކޮން މަސައްކަތްތަކެއްތޯ އެހުމުން ޓެކްސަސް އަށް އުފަން ގްބެރިއަލް، 28، ބުނީ އޭނަ އެންމެ ލޯބިކުރަނީ ފެހުމަށް ކަމަށެވެ. އެގޮތުން އެ މަސައްކަތްކުރާތާ 13 އަހަރުވެއްޖެ ކަމަށާއި ބޭނުން ވަނީ ފެހުމާއި ފެޝަން ޑިޒައިނިންގެ ތެރެއިން ތިމާވެއްޓާ ރައްޓެހި އަދި ރިސައިކަލް ކުރެވޭ އުފެއްދުންތަކުގެ ފެޝަނުގެ ދާއިރާ އަށް ބަދަލުތަކެއް ގެންނަން ކަމަށް ބުންޏެވެ.

މިދިޔަ އަހަރުގެ މިސް ޔުނިވާސްގެ ދެވަނަ އަކީ ވެނެޒުއެލާގެ އެމަންޑާ ޑަޑަމެލް އެވެ. ތިން ވަނަ އަކީ ޑޮމިނިކަން ރިޕަބްލިކްގެ އެންޑްރީނާ މާޓިނޭޒެވެ.

މިސް ޔުނިވާސް އަކީ މިސް ވޯލްޑް ފިޔަވައި ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ރީތީގެ މުބާރާތެވެ.