Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ކަރަން އަލުން "ބިގް ބޮސް 16" ގެ ހޯސްޓަކަށް

ކަލާސް އިން ދައްކަމުން އަންނަ ރިއަލިޓީ ޝޯ، "ބިގް ބޮސް 16" އަނެއްކާ ވެސް ޑައިރެކްޓަރު ކަރަން ޖޯހަރް ހޯސްޓްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މީޑިއާތަކުން ބުނީ މި ޝޯގެ ހޯސްޓް، މަޝްހޫރު ތަރި ސަލްމާން ޚާން ފިލްމީ މަސައްކަތްތަކެއްގައި ބިޒީވެގެން ޝޯ އަށް ވަގުތު ދޭން ހުރި ދަތިތަކާ ހެދި އަންނަ ހަފުތާއިން ފެށިގެން ޝޯގެ ހޯސްޓެއްގެ ގޮތުގައި ކަރަން ބައިވެރިވާނެ ކަމަށެވެ. މިއީ "ބިގް ބޮސް" ގެ 16 ވަނަ ސީޒަން ފެށި ފަހުން، ކަރަން އެ ހޯސްޓްކުރަން ހަވާލުވާ ދެވަނަ ފަހަރެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅު ވެސް އޭނަ ޝޯގެ ހޯސްޓިންއާ ހަވާލުވެ، ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ގެނެސްދޭ "ވީކެންޑް ކާ ވާރު" ގެ އެޕިސޯޑްތަކެއް ހުށަހަޅައި ދިނެވެ. އެ ފަހަރު އެކަމާ ހަވާލުވާން ޖެހުނީ ސަލްމާނަށް ޑެންގޫ ޖެހި ފަރުވާ ހޯދަން ޖެހުމުންނެވެ.

މީޑިއާތަކުން ބުނީ މި ފަހަރު ކަރަން "ބިގް ބޮސް 16" ގެ ހޯސްޓިންއާ ހަވާލުވެ އަންނަ މަހު ގެނެސްދޭން ހަމަޖެހިފައިވާ ފިނާލޭ އެޕިސޯޑްގެ ކުރިން ގެނެސްދޭ އެޕިސޯޑާ ހަމައަށް ހޯސްޓްގެ ގޮތުގައި ދެމިހުންނާނެ ކަމަށެވެ. އަދި ސަލްމާން ދެން އެނބުރި އަންނާނީ ފިނާލޭ އަށް ކަމަށް ވެސް ރިޕޯޓްތައް ބުނެފި އެވެ.

"ބިގް ބޮސް 16" ޕްރީމިއާކުރީ އޮކްޓޯބަރު 1 ގަ އެވެ.