Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ދެ ރަށެއްގެ ބަނދަރު އަޕްގްރޭޑްކުރަން ހަވާލުކޮށްފި

އއ. ފެރިދޫ އަދި ހދ. ނާވައިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފިއެވެ.

ފެރިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 50.8 މިލިއަން ރުފިޔާއަށް 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި، އައު ބަނދަރު ފުން ކުރުމާއި، ނެރު ފުންކުރުމާއި، ބްރޭކްވޯޓަރ ޖެހުމާއި، ސޭންޑްފިލް ބްރޭކްވޯޓާ ޖެހުމާއި، ރިވެޓްމެންޓް ޖެހުމުގެ އިތުރުން ސްކޯރިން އެޕްރޮން ޖެހުމާއި، މޫރިންގ ރިންގް ހަރުކުރުމާއި، މަގު ބައްތި އަދި ޕޭމަންޓް ހެދުން ހިމެނެއެވެ.

ނާވައިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 51.3 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުން، އައު ބަނދަރު ފުން ކުރުން، ނެރު ފުން ކުރުން، 290 މީޓަރ ބްރޭކްވޯޓަރ ޖެހުން، 10 މީޓަރ ސަބްމާޖް ބްރޭކްވޯޓަރ ޖެހުން، 25 މީޓަރ ގުރޯއިން ޖެހުން، 73.3 މީޓަރ ރިވެޓްމެންޓް ޖެހުން، 231 މީޓަރ އެއްގަމު ތޮށި ޖެހުން، 231 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުން، 62 މރިންގ ރިންގް ހަރުކުރުން އަދި ރޭންޕެއް ހެދުން، ކޮންކްރީޓް ޖެޓީއެއް ހެދުން، މަގު ބައްތި ހަރުކުރުން އަދި ޕޭވްމަންޓް ހެދުން ހިމެނެއެވެ.