Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

އެމްޑީޕީގެ ޕްރައިމަރީގައި 243 ވޯޓްފޮށި

މި މަހު ބާއްވާއެމްޑީޕީގެ ޕްރައިމަރީގައި 200 އަށް ވުރެ ގިނަ ވޯޓް ފޮށި ބަހައްޓާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

މި މަހުގެ 28 ގައި ބާއްވާ ޕްރައިމަރީގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ އިރު، މާލެ ސަރަހައްދުގައި ޖުމްލަ 49 ވޯޓުފޮށި ފޮށި ބަހައްޓަން ވަނީ ނިންމައިފަ އެވެ.

މާލެ ސަރަހައްދުގައި ވޯޓުފޮށިތައް ބަހައްޓަނީ ސީއެޗްއެސްސީ އާއި އަމީނިއްޔާ އާއި އެމްއެންޔޫ އާއި އިސްކަންދަރާއި ހިރިޔާ އާއި އިމާދުއްދީނާއި މާފަންނު މަދަރުސާ އާއި ތާޖުއްދީނާއި އިއްޒުއްދީނާއި ރެހެންދި އަދި ކަލާފާން އިތުރަށް މުހިއްދީން ސްކޫލްގަ އެވެ.

އަތޮޅުތެރޭގެ ރަށްތަކުގައި ވެސް ވޯޓު ފޮށި ބަހައްޓަނީ ރަށްރަށުގެ ސްކޫލްތަކުގަ އެވެ. ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޕްރައިމަރީގެއި ވޯޓުލުން ކުރިއަށް ދާނީ 28 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އާ ހަމައަށެވެ.

އެމްޑީޕީން މިހާރު ވަނީއިންތިޚާބުގައި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ މީޑިއާތަކަށް ވެސް ފުރުސަތު ހުޅުވާލައިފަ އެވެ. މި ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 20 ގެ 12:00އާ ހަމައަށެވެ. ކޮންމެ ވޯޓު ފޮއްޓެއް ކައިރި އެއް ވަގުތެއްގައި ހަރަކާތްތެރިވެވޭނީ ކޮންމެ ޕްރިންޓް އަދި އޮންލައިން މީޑިއާއަކުން އެކަކަށް އަދި ކޮންމެ ޓީވީ ސްޓޭޝަނަކުން ދެ މީހަކަށެވެ.

ޕްރައިމަރީގައި އެމްޑީޕީގެ 57،000 އަށް ވުރެ ގިނަ މެމްބަރުން ވޯޓް ލާނެ އެވެ. މީގައި ވާދަކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.