މިހާތަނަށް އެކީގައި އަދި ފިލްމެއްގެ މަސައްކަތްކޮށްފައި ނުވާ އަރުޖުން ކަޕޫރާއި ސާރާ އަލީ ޚާން އެކީގައި ފިލްމަކުން ފެނުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ ޒުވާން ދެ ތަރިންނަށް ހުށަަހަޅާފައި ވަނީ ޑައިރެކްޓަރު ހޯމީ އަދަޖާނިއާގެ ފިލްމެއް ކަމަށެވެ. ހޯމީއާ އެކީ އަރުޖުން ކުރިން ވެސް މަސައްކަތްކޮށްފައިވެ އެވެ. އެއީ 2014 ގެ "ފައިންޑިން ފެނީ" ގަ އެވެ. ސާރާގެ ބައްޕަ ސައިފް އަލީ ޚާނާއި ދީޕިކާ ޕަދްކޯނާ އެކީ "ކޮކްޓެއިލް" ވެސް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ 2020 ގެ "އަނގްރޭޒީ މީޑިއަމް" އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ހޯމީގެ އާ ފިލްމު ސާރާ އާއި އަރުޖުން އަށް ހުށަހަޅައި މަޝްވަރާތައް ދަނީ ކުރިއަށެވެ. އަދި ދެ ތަރިން ރަސްމީކޮށް ފިލްމަށް ސޮއިކުރުމުން އެ އިއުލާންކުރާނެ އެވެ. ފާހަގަކޮށްލެވޭ ކަމަކީ ސާރާ އަކީ އަރުޖުންގެ ކޮއްކޮ ބަތަލާ ޖާންވީ ކަޕޫރްގެ ވަރަށް ގާތް އެކުވެރިއެއްކަމެވެ.
އަނެއްކޮޅުން ސާރާގެ ބައްޕަ ސައިފާއި މަންމަ އަމްރިތާ ސިންގްގެ އިތުރުން ދޮންމަންމަ ކަރީނާ ކަޕޫރާ އެކީ ވެސް އަރުޖުން މަސައްކަތްކޮށްފައިވެ އެވެ. ދެހާސް އެކާވީހުގެ "ބޫތު ޕޮލިސް" ގެ ބަތަލުންނަކީ އަރުޖުން އާއި ސައިފެވެ. އަރުޖުންގެ 2014 ގެ ފިލްމު "2 ސްޓޭޓްސް" ގައި އޭނަގެ މަންމަގެ ރޯލު ކުޅުނީ އަމްރިތާ އެވެ. އަދި އަރުޖުންގެ 2013 ގެ "އޯރެންގަޒަބް" ގެ ރޯލެއް ވެސް އަމްރިތާ ކުޅުނެވެ.
ކަރީނާއާ އެކީ އަރުޖުން ކުޅުނު ފިލްމަކީ 2016 ގެ "ކީ އެންޑް ކާ" އެވެ.