Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ކެމްބޯޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމް ބާއްވައިފި

ކެމްބޯޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމްގެ ތެރެއިން / ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ރާއްޖޭއާއި ކެމްބޯޑިއާ ދެމެދު ވިޔަފާރި ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި އިކޮނޮމިކް މިނިސްޓްރީ ދަށުން، ހިންގާ އިންވެސްޓް މޯލްޑިވްސްގެ ފަރާތުން "މޯލްވިޑިވްސް-ކެމްބޯޑިއާ ބިޒްނަސް ފޯރަމް" ބާއްވައިފިއެވެ،

މި ފޯރަމް ބާއްވާފައިވަނީ ދިވެހި ރާއްޖޭގެ ރައީސުލް ޖުމުޙުއްރީއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ދަޢުވަތަކަށް ރާއްޖެއަށް ވަޑައިގެންފައިވާ ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެޗޯ ހުން ސެން ދަތުރުފުޅާއި ދިމާކޮށެވެ. މިއަދު ހޮޓެލް ޖެންގައި ކުރިއަށް ދިޔަ ފޯރަމްގައި ކެމްބޯޑިއާގެ ޗެމްބަރ އޮފް ކޮމާސް މަންދޫބުންނާއި ރާއްޖޭގެ ބައެއް ވިޔަފާރިވެރިންގެ އިތުރުން ސަރުކާރު އިސް އޮފިޝަލުން ބައިވެރިވެފައި ވެއެވެ.

މިފޯރަމުގައި އިކޮނިމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު އިޔާދު ހަމީދު ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ކެމްބޯޑިއާ ޗެމްބަރ އޮފް ކޮމާސްގެ ނައިބް ރައީސް އޮކްނާ ލިމް ހެންގް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކެމްބޯޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމްގެ ތެރެއިން / ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ އިޔާދު ވިދާޅުވީ، މި ދަނޑިވަޅަކީ ދެ ޤައުމުވެސް އައު އިންވެސްޓްމެންޓްތަކަށް މަގުފަހިކޮށް، ގުޅުން ބަދަހި ކުރަން ރަނގަޅު ވަގުތުކޮޅެއް ކަމަށެވެ. މީގެ އިތުރުން ރާއްޖެއާއި ކެމްބޯޑިއާ ދެމެދު އިޤްތިޞާދީ ގުޅުން ޤާއިމް ކުރުމަށާއި، ރައްޖޭގެ ވިޔަފާާރިވެރިންގެ ޖަމީއްޔާ އަދި ކެމްބޯޑިއާ ވިޔަފާރިވެރިންގެ ޖަމީއްޔާ ދެމެދު ވެވުނު އެއްބަސްވުމަކީ ގުޅުންތައް ކުރިއަށް ގެންދިއުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ.

ރަސްމީއްޔާތުގައި ކެމްބޯޑިއާ ވިޔަފާރިވެރިންގެ ޖަމީއްޔާގެ ނައިބް ރައީސް އޮކްނާ ވިދާޅުވީ، ކެމްބޯޑިއާއިން ރާއްޖެއާއި ދެމެދު ވިޔަފާރި ކުރުމަށް ތައްޔާރަށް އޮތް ކަމަށެވެ. އަދި އެއްބަސްވުން ތަކަށް ވަނީ މަރުހަބާ ކިޔާފައެވެ.

ކެމްބޯޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމްގެ ތެރެއިން / ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ކެމްބޯޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމްގެ ތެރެއިން، ދެ ޤައުމު ދެމެދު އިޤްތިޞާދީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރެވިގެން ދިޔައެވެ. މީގެ އިތުރުން ރާއްޖޭގައި މިވަގުތު ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާއި ދާއިރާތަކާއި ގުޅޭގޮތުން ޕްރެޒެންޓޭޝަނެއް ދީފައިވާއިރު، ދެ ޤައުމުގެ ވިޔަފާރިވެރިން ވަނީ ގުޅުންތައް ޤާއިމް ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން ދެ ޤައުމުގެ އަމިއްލަ ވިޔަފާރިތަކު ދެމެދު ކުރެވޭ މުޢާމަލާތް އިތުރުކޮށް ގުޅުން ޤާޢިމް ކުރުމަށާއި، ވިޔަފާރިވެރިންނާއި ކުންފުނިތަކާއި ދެމެދު ގުޅުން ޤާއިމް ކުރުމަށްވެސް މި ފޯރަމްގެ ތެރެއިން މަޝްވަރާ ކުރެވިފައިވެއެވެ.