Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

އާޓް ގެލަރީ އަންނަ މަހު ހުޅުވަނީ

ނޭޝަނަލް އާޓް ގެލަރީގައި 2019 ވަނަ އަހަރު ބޭއްވި އެގްޒިބިޝަނެއް ރާއިސް ބައްލަވަނީ / ފޯޓޯ: ރައީސް އޮފީސް

ފަންނުވެރިންގެ ކަންބޮޑުވުން ފާޅުކުރުމުން ނޭޝަނަލް އާޓް ގެލަރީ ކުއްޔަށް އަލުން ދޫކުރަން ފެށުމަށް ނިންމައިފިއެވެ.

ނޭޝަނަލް އާޓް ގެލަރީ ބަނދުކޮށްފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، މިކަމާއި ގުޅިގެން ދިވެހި ފަންނުވެރިން ކުރިއެރުވުމަށް މަސައްކަތް ކުރާ މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ ޖަމީއްޔާއިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމީއްޔާއިން މިމައްސަލާގައި އާދިއްތަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ނޭޝަނަލް އާޓް ގެލަރީ މަރާމާތަށް ގިނަ ދުވަހަށް ބަނދުކޮށްފައި ހުރުމުން ރާއްޖޭގެ ވިޝުއަލް އާޓިސްޓުންނަށް މިކަމުގެ ދަތިތަށް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން އެޖަމީއްޔާއިން ބާއްވަން ގަސްތު ކުރާ ހަރަކާތްތައްވެސް ނުބޭއްވި ގިނަ ދުވަސްތަކެއް ވަމުންދިއުމާއިއެކު، އާޓް ދާއިރާގެ ގިނަ ފަންނުވެރިންގެ ކަންބޮޑުވުންތަކެއް ހުރިކަމަށް އެ ޖަމީއްޔާއިން ފާހަގަކުރެއެވެ.

މިކަމާއި ގުޅިގެން ނޭޝަނަލް ސެންޓަރ ފޯރ ދި އާޓްސްއިން ވަނީ ނޭޝަނަލް އާޓް ގެލަރީ ކުއްޔަށް ހިފުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެންސީއޭއިން ކުރި އިއުލާނުގައި އާޓް ގެލަރީ ކުއްޔަށް ދޫކުރުމުގެ އުސޫލާއި އަދި ކުއްޔަށް ހިފުމުގެ ފޯމް ވަނީ ގެޒެޓްކޮށްފައެވެ. އަދި އެއިދާރާގެ ވެބްސައިޓް މެދުވެރިކޮށް، ފޯމް ހުށަހެޅޭނެ ކަމަށް އެންސީއޭއިން ބުނެއެވެ.

ދިވެހި ފަންނުވެރިންގެ ކަންބޮޑުވުން ތަކާއިއެކު އާޓް ގެލަރީ ކުއްޔަށް ދޫކުރަން ނިންމާފައިވާއިރު، އެންސީއޭއިން ބުނެފައިވަނީ އާޓް ގެލަރީ ބުކް ކުރެވޭނީ އަންނަ މަހުގެ 15 އިން ފެށިގެން ކަމަށެވެ.

ދިވެހި ފަންނުވެރިންގެ އެގްޒިބިޝަންތައް ދައްކާލުމަށް ގިނަ ހަރަކާތްތައް އާޓް ގެލަރީގައި މިހާތަނަށް ބާއްވާފައިވާއިރު، އެތަން މަރާމާތައް ފަހު އަލުން ހުޅުވޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ މަހުގެ ތެރޭގައެވެ.