މި ސަރުކާރުގައި ކޮންމެ 11 ދުވަހަކުން އެމްޓީސީސީން ޕްރޮޖެކްޓެއް ނިންމާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ރޭ ރާއްޖެޓީވީގައި ވާހަކަދައްކަމުން އާޒިމް ވިދާޅުވީ މި ވެރިކަމުގެ ހަތަރު އަހަރުތެރޭ ކޮންމެ 11 ދުވަހަކުން އެމްޓީސީސީން ޕްރޮޖެކްޓެއް ނިންމާފައިވާނެ ކަމަށާއި އަދި ކޮންމެ މަހަކު ބަނދަރެއްގެ ރޭޓުން ބަނދަރު ނިންމާފައިވާނެ ކަމަށެވެ.
"ކޮންމެ 11 ދުވަހެއްގެ ރޭޓުން ޕްރޮޖެކްޓެސް ނިންމާފައި ހުންނާނެ. މިހާރު އެބަ ހިންގަން 132 ޕްރޮޖެކްޓް. މިއީ ކުރިން ނިންމި 130 ޕްރޮޖެކްޓްގެ އިތުރަށް ހިންގަމުންދާ ޕްރޮޖެކްޓުގެ އަދަދު." އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ މިހާތަނަށް މިހާ ހަލުވި ސްޕީޑެއްގައި ރައްޔިތުންނަށް ތަރައްގީ ލިބެމުންދިޔަ މަންޒަރު ނުފެންނަ ކަމަށާއި މިއީ ލޮލަށް ފެންނަން ހުރި ކަންކަން ކަމަށެވެ. އަދި މިހާރު ރާއްޖޭގައި ތަރައްގީގެ ޕްރޮޖެކްޓެއް ނުހިނގާ ރަށެއް ނޯންނާނެ ކަމަށާއި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ހުރި ދަތިތައް ފިލުވާލުން ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.
"މާލޭގައި ހުރި މީހަކަށް ނޭނގޭނެ ބަނދަރުގެ ދަތިކަމެއް. މާލޭގައި ހުރި މީހަކަށް ނޭނގޭނެ ނަރުދަމާ އާއި ފެނުގެ ހުރި ދަތިކަމެއް. ރަށްރަށަށް ގޮސް އެމީހުން އުޅޭ ހާލު ބަލާ މީހަކަށް އެނގޭނީ." އާޒިމް ވިދާޅުވި އެވެ.
ރައީސް ބޭނުންފުޅުވަނީ ރަށްރަށުގައި ތިބި ރައްޔިތުން މިހާރު ތިބި ހާލަތުން އެއަށް ވުރެ ރަނގަޅު ހާލަތަކަށް ގެންދަން ކަމަށާއި އެމްޓީސީސީން މަސައްކަތް ކުރަނީ އެ އަމާޒަށް ވާސިލުވުމަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.