ވެރިކަމުގެ ދަތިވެހިކަމަކީ ކެންސަރަށް ވުރެ ނުރައްކާތެރި ބައްޔެއް ކަމަށް އަދާލަތު ޕާޓީ އަށް ނިސްބަތްވާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެ އެވެ.
އަލުން ވެރިކަމަށް ވަޑައިގެންނެވުމަށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރު ކެމްޕޭން ކުރައްވަމުން ގެންދަވާ އިރު، ދައްކަވަމުން ގެންދަވާ ވާހަކަތަކާ ގުޅުވައިގެން އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަމުގެ ދަހިވެތިކަމަކީ ކެންސަރަށްވުރެ ވެސް ނުރައްކާތެރި ބައްޔެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
"ވެރިކަމުގެ ދަހިވެތިކަން ހިތުގައި ނުޖެއްސެވުން އެދި ގިނަގިނައިން ދުޢާ ކުރަން ޖެހޭ. އެ ބަލި ޖެހުނީމާ ޢާއިލީ ގުޅުންތައް ކެނޑިގެންދޭ،" އޭނާ ވިދާޅުވި އެވެ. "ޒަމާންވީ ރަޙްމަތްތެރިންގެ މެދުގައި ޢަދާވާތްތެރިކަން އުފެދިގެން ދޭ."
ވެރިކަމުގެ ދަހިވެތިކަން ހިތުގައި ނުޖެއްސެވުން އެދި ގިނަގިނައިން ދުޢާކުރަންޖެހޭ. އެބަލި ޖެހުނީމާ ޢާއިލީ ގުޅުންތައް ކެނޑިގެންދޭ. ޒަމާންވީ ރަޙްމަތްތެރިންގެ މެދުގައި ޢަދާވާތްތެރިކަން އުފެދިގެންދޭ. ކެންސަރަށްވުރެ ވެސް ނުރައްކާތެރި ބައްޔެއް ކަމުގައި ފެންނަނީ.
— Dr.Mohamed Iyaz (@dr_iyaz) January 16, 2023
ނަޝީދު އިއްޔެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދާލަތު ޕާޓީ އަށް ނިސްބަތް ވިދާޅުވީ އެ ޕާޓީ އަކީ ވަރަށް ބޭނުންތެރި ޕާޓީއެއް ކަމަށެވެ. އަދާލަތަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކޯލިޝަން ބައިވެރިއެކެވެ. އަދި އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަކީ ހޯމް މިނިސްޓަރެވެ.
ނަޝީދު ވިދާޅުވީ އަދާލަތު ޕާޓީގައި ވަރަށް ގިނަ ރަނގަޅު ސިފަތަކެއް އެބަހުރި ކަމަށާއި ހާއްސަކޮށް އިސްލާމް ދީނަށް ދެއްވާ އަހައްމިއްޔަތުކަމާއި އަދި ދީނުގެ އަސްލުތައް އަންގައި ދިނުމަށް ކުރަމުން މަސައްކަތްކުރަމުން އަންނަ ގޮތް ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން އަދާލަތުގެ ގިނަ ޝެއިހުންނަކީ ވަަރަށް ތަންދޮރު އެނގިވަޑައިގަންނަޗާ ހެޔޮލަފާ ނަސޭހަތް ދޭ ބައެއް ކަމަށް ވެސް ވިދާޅުވި އެވެ.
އަދި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީއެއް އުފެދުމަކީ ވަރަށް ހިތްހަމަޖެހުން ލިބޭ ކަމެއް ކަމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން މާނަކުރަމުން އައިއިރު ވެސް އެންމެ ފުރަތަމަ ވެސް މާނަ ކުރަމުން އައީ ދީނީ ހެޔޮލަފާ ނަސޭހަތް ދެވޭނެ ގޮތަކަށް ކަންކަން ކުރުމަށް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
"އަދާލަތު ޕާޓީ އަކީ ވަރަށް ބޭނުންތެރި ޕާޓީއެއް ރާއްޖޭގެ ސިޔާސީ މާހައުލަށް، މަސްރަހަށް ކޮންމެހެން ވެސް ބޭނުންތެރި ޕާޓީއެއް." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވެފައި ވަނީ އަދާލަތު ޕާޓީގެ ބައެއް ވިސްނުން އެމްޑީޕީ އަށް ވެސް ގެންނަން ޖެހޭ ކަމަށެވެ.