Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

އަކްޝޭ އާއި ޓައިގާގެ ފިލްމު ފަށައިފި

އަކްޝޭ ކުމާރާއި ޓައިގާ ޝްރޮފްގެ އެކްޝަން ކޮމެޑީ "ބަޅޭ މިޔާ ޗޯޓޭ މިޔާ" ގެ ޝޫޓިން ފަށައިފި އެވެ.

ފިލްމުގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ވަނީ އެކަން އިންސްޓަގްރާމް ޕޯސްޓަކުން ހިއްސާކޮށްފަ އެވެ. އެކަމަކު އެއްވެސް އިތުރު މައުލޫމާތެއް ނުދެ އެވެ.

"ބަޅޭ މިޔާ ޗޯޓޭ މިޔާ" ގެ ޝޫޓިން ފެށި އިރު ވެސް، ފިލްމުގެ ބަތަލާއިންނަކީ ކޮބައި ކަމެއް ކަށަވަރެއް ނުވެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގައި ތިން ބަތަލާ އަކު ހިމެނެ އެވެ. އެއީ ޖާންވީ ކަޕޫރާއި އަލާޔާ ފަރްނީޗަރުވާލާގެ އިތުރުން 2017 ގެ މިސް ވޯލްޑް މަނޫޝީ ޗިލާރެވެ. މި ތިން ބަތަލާއިން ފިލްމުގެ ކާސްޓަށް ނަގާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް މިކަމާ ބެހޭ ގޮތުން ރަސްމީކޮށް އަލީ އެއްވެސް އެއްޗެއް ނުބުނެ އެވެ.

ފިލްމުގެ ވިލަން އަކީ ޕްރިތިވީރާޖް ސުކްމަން އެވެ.

ބޮޑު ބަޖެޓަކުން ހަދާ "ބަޅޭ މިޔާ ޗޯޓޭ މިޔާ" ގެ މަންޒަރުތައް އިންޑިއާގެ އިތުރުން ޔޫރަޕާއި މެދުއިރުމަތީގެ ބައެއް ހިސާބުތަކުގައި ވެސް ނަގާނެ އެވެ. މި އަހަރުގެ ޑިސެމްބަރު މަހު ބެލުންތެރިންނަށް ދޫކޮށްލާ ގޮތަށް ހަމަޖެހިފައިވާ ފިލްމުގެ ޝޫޓިން އިއްޔެ ފެށި އިރު، އަންނަ އެޕްރީލް މަހާ ހަމައަށް މުޅި ފިލްމުގެ ޝޫޓިން ނިންމާނެ ކަމަށް އަލީ ބުނެފައިވެ އެވެ.

އޭނަ އަކީ "ސުލްތާން" އާއި "ޓައިގާ ޒިންދާ ހޭ" އަދި "ބާރަތު" ފަދަ ފިލްމުތަކުގެ ޑައިރެކްޓަރެވެ.