Last Updated: June 14, 13:25
Sunday, June 14, 2026
ޚަބަރު

އިންޑިއާ އައުޓް ހުއްޓާލީ ނަޝީދު އެދުމަކަށް ވެދާނެ

Abdulla Yameen, chief of the Progressive Party of Maldives, meets his supporters during an "India Out" protest rally in Naifaru, Maldives, March 19, 2022. Picture taken March 19, 2022. Progressive Party of Maldives/Handout via REUTERS

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ކެމްޕޭން މިހާރު ހުއްޓާލާފައި އޮތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަކަށް ވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

ނަޝީދު އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަތަކަކަށް އިޝާރާތްކޮށް މަވޯޓާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެމެދު އޮތް ހަމައެކަނި ހިޔާލު ތަފާތުވުމަކީ ވެސް "އިންޑިއާ އައުޓް" ކެމްޕޭނަށް ވެދާނެ ކަމަށެވެ.

"ޕީޕީއެމުން މިހާރު އިންޑިއާ އައުޓް މުޒާހަރާ ހުއްޓާލާފައި އޮތީ ނަޝީދުގެ އެދިވަޑައިގަތުމަށް ކަމަށް ނުވަތަ އެހެން ސަބަބަކާ ހެދި ކަމެއް ސާފެއް ނޫން،" އޭނާ ވިދާޅުވި އެވެ. "ކޮންމެއަކަސް ޔާމީނާއި ނަޝީދު ހިޔާލު ތަފާތުވާ ހަމައެކަނި ކަމަކީ މިއީ ކަމަށް ވަނީ."


ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބާލަން ގޮވާލައި ޔާމީން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދެވި "އިންޑިއާ އައުޓް" ކެމްޕޭން ފެށީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. އަދި ހުއްޓައިލީ އަހަރުގެ މެދުތެރޭގަ އެވެ. އޭރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އޮތީ އެ ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ވެސް ކަނޑައަޅައި ގަރާރެއް ނެރުއްވައިފަ އެވެ.

ނަޝީދު އިއްޔެ ވިދާޅުވީ ޕީޕީއެމާ އޮތް ހަމައެެކަނި ހިޔާލު ތަފާތުވުމަކީ "އިންޑިއާ އައުޓް" ކެމްޕޭން ކަމަށް ތަކުރާރުކޮށް އެ ޕާޓީގެ ބޭފުޅުން އަރިހު ދަންނަވަމުން ގެންދެވި ކަމަށެވެ.

"އިންޑިއާ އައުޓް ދޫކޮށްލައްވާވޭ އަޅުގަނޑު ޔާމީން އަރިހު ދަކުރާރުކޮށް އެބަ ދަންނަވަން. އެ ވިސްނުން ދޫކޮށްލައްވާށޭ. މި ފޮރިން ޕޮލިސީ ހާރިޖީ ސިޔާސަތުގައި ދެބައި މީހުން އެކައްޗެއް ކިޔަން އަޅުގަނޑު ތަކުރާރުކޮށް އެބަ އެދެން،" އެ މަނިކުފާނު ވިދާޅުވި އެވެ. "އަޅުގަނޑު ވަރަށް ބޮޑަށް އެދެން ޔާމީނު އަރިހުން ފުންކޮށް ވިސްނަވާށޭ. އަޅުގަނޑަށް މިކަން މިގޮތަށް ވިސްނެންޏާމު ދެން އަޅުގަނޑު ދެކެނީ ރައީސް ޔާމީނަކީ އިންޓެލެކްޗްއަލް ބޭފުޅެއް ކަމަށް. އެކެޑެމިކް ބޭފުޅެއް ކަމަށް. ތަންދޮރު އެނގިވަޑައިގަންނަވާ ވިޝަންއެއް ހުންނެވި ބޭފުޅެއް ކަމަށް. އަޅުގަނޑު ނުދެކެން އެހާ ތަފާތު ބޭފުޅެއްގެ ގޮތުގައެއް."

"އިންޑިއާ އައުޓް" ހުއްޓުވަން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ވެސް ނަޝީދު މިދިޔަ އަހަރު މަސައްކަތްކުރެއްވި އެވެ. އަދި އެކަން ހުއްޓުވަން ސަރުކާރަށް ވެސް ތަކުރާރުކޮށް ގޮވާލެއްވި އެވެ.