Last Updated: June 23, 13:06
Tuesday, June 23, 2026
ޚަބަރު

ޓޫރިސްޓުން ނިވާކަމެއް ނެތި އުޅުން އާންމުވެއްޖެ

ރާއްޖޭގެ ރަށެއްގައި ޓޫރިސްޓުންތަކެއް.

ރާއްޖޭގެ ރަށްރަށް ޒިޔާރަތްކުރާ ޓޫރިސްޓުން ރަށްރަށުގައި ނިވާކަން ކުޑަކޮށް އުޅޭތީ ދީނީ އިލްމުވެރިޔާ ޑރ. އަލީ ޒާހިރު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މި ހަފުތާގައި ވެސް ރާއްޖޭގެ ރަށެއްގެ މަގުމަތީގައި ޓޫރިސްޓަކު ނިވާކަން ކުޑަކޮށް ހަރަކާތްތެރިވެފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާ އިރު، މިފަދަ ކަންކަން އާންމުވަމުން ދާތީ އަލީ ޒާހިރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީހުން ދިރިއުޅޭ ބައެއް ރަށްރަށުގައި ޓޫރިސްޓުން ނިވައި ކަމެއް ނެތި ރަށު ތެރޭގައި އުޅުން އާންމުވެއްޖެ ކަމަށެވެ.

"މީހުން ދިރިއުޅޭ ބައެއް ރަށްރަށުގައި ޓޫރިސްޓުން ނިވައި ކަމެއް ނެތި ރަށުތެރޭގައި އުޅުން އާންމުވެއްޖެ. އިޝްތިހާރުކޮށްގެން މަސާޖު ޕާލާތަކުގެ ނަމުގައި ވިޔާނުދާ އަމަލުތައް ހިންގުންވެސް ޢާއްމު ވެއްޖެ،" އޭނާ ވިދާޅުވި އެވެ. "މިކަން ކަމަށް ފިޔަވަޅު އަޅާނެ މުއައްސަސާއެއް، ޒިންމާވާނެ ފަރާތެއް މިއަދު ފެންނާކަށް ނެތް. ވަރަށް ދެރަ."

މީގެ ކުރިން ވެސް މާލެ އާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ނިވާކަން ކުޑަކޮށް ޓޫރިސްޓުން އުޅޭ މައްސަލަތައް ފެންމަތިވެ، އެކަމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އަދި މިހާރު އަނެއްކާ ވެސް މަސާޖް ޕާލާތަކުގެ ނަމުގައި ހަށިވިއްކުން އާންމުވެފައިވާ ކަމަށް ބުނެ ވަރަށް ގިނަ ޝެއިހުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އަދި މިފަދަ ކަންކަން ނުހުއްޓުވޭތީ ފުލުހުންނަށް ވެސް ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.