Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ވައުދެއްވެފައި އެކަން ދޫކޮށް ނުލާނެ: ރައީސް

ވައުދެއް ވެއްޖެނަމަ އެކަން ދޫކޮށްނުލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ހއ. ހޯރަފުއްޓަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ބޮޑު އަޣުލަބިއްޔަތަކުން އަނެއްކާވެސް އެމްޑިޕީ މިރާއްޖެއައިގެން ކުރިއަށްގެންދާ މަސައްކަތް ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ތަރައްގީގެ މަސައްކަތްތަކުގައި އިސްކަންދެނީ، ރައްޔިތުންގެ އަސާސީ ހައްގުތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

ހޯރަފުށީގައި މި ސަރުކާރުން ކުރިއަށްގެންދިޔަ ތަރައްގީގެ މަޝްރޫއުތައް ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ހޯރަފުށީ އެއާޕޯޓް، ފުޓްބޯޅަ ދަނޑު، ގޮނޑުދޮށް ހިމާޔަތް ކުރުމާއި އައިސްޕްލާންޓް އެޅުން ފަދަ ތަރައްގީގެ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ މިސަރުކާރަކީ ވައުދެއް ވެއްޖެނަމަ އެކަން ދޫކޮށްނުލާނެ ބައެއް ނޫން ކަމަށެވެ.

"ޔަގީން ކުރައްވައްޗޭ، އަޅުގަނޑުމެންނަކީ ވައުދެއް ވެފައި، އެކަން ދޫކޮށްލާނެ ބައެއް ނޫން. މިއަދު އެވަނީ ހޮސްޕިޓަލް ޓެންޑާކޮށް ފައިނަލް މަރުހަލާގައި." ރައީސް ސޯލިހް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފޯރީގައި ކުރިއަށްދާއިރު ރައީސް ސޯލިހާ އިންތިހާބުގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދުވެސް އަންނަނީ ކެމްޕޭން ހުއްޓުމެއްނެތި ކުރިއަށް ގެންދަވަމުންނެވެ. ރައީސް ނަޝީދު މިއަދު ވަނީ ކ. އަދި ޅ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅު ފައްޓަވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 28 ވަނަ ދުވަހުއެވެ.