Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ޝަޝީގެ ކާފަދަރިއަކު ބޮލީވުޑަށް

ޒަހާން ބައްޕަ ކުނާލްއާ އެކީ.

ކުރީގެ މަޝްހޫރު އެކްޓަރު ޝަޝީ ކަޕޫރްގެ ކާފަދަރިއަކު ބޮލީވުޑަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.

ހިންދީ ސިނަމާގެ ވަރަށް މަގުބޫލު ޝަހުސިއްޔަތެއްގެ ގޮތުގައި ފާހަގަކޮށްލެވުނު އަދި 2017 ގައި މަރުވެފައިވާ ޝަޝީގެ ކާފަދަރިންގެ ތެރެއިން ބޮލީވުޑަށް ތައާރަފުވަނީ ޒަހާން ޕްރިތުވީރާޖް ކަޕޫރެވެ. އޭނަ އަކީ ޝަޝީގެ ދަރިންގެ ތެރެއިން ކުނާލް ކަޕޫރްގެ ދަރިއެކެވެ. ކުނާލް، 63، އަކީ ވެސް ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ މީހެކެވެ. އޭގެ ތެރޭގައި "ޕާނިޕަތު"، "ސިންގް އިޒް ބްލިންގް" އަދި "ވިޖޭތާ" ހިމެނެ އެވެ.

ކުނާލްގެ ދަރިފުޅު ޒަހާންގެ އެކްޓިން ފެންނާނެ ފުރަތަމަ ފިލްމަކީ ކުޅަދާނަ ޑައިރެކްޓަރު ހެންސަލް މެހެތާ އަންނަ މަހުގެ 23 ގައި ސިނަމާތަކަށް ގެނެސްދޭ "ފަރާޒް" އިންނެވެ. މީގެ ޓްރެއިލާ ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. "ފަރާޒް" އަކީ ބަންގްލަދޭޝްގެ ވެރިރަށް، ޑާކާގެ ކެފޭއަކަށް 2016 ގައި ދިން ޓެރަރިސްޓް ހަމަލާ އަށް ބިނާކޮށް ހަދާފައިވާ އެކްޝަން ކްރައިމް ތުރިލާއެކެވެ.

މީގައި ޒަހާން ކުޅެފައި ވަނީ އެ ހާދިސާގައި އެތައް ބައެއްގެ ފުރާނަ ސަލާމަތްކޮށްދޭން މަސައްކަތްކުރި ފަރާޒް ހުސައިންގެ ރޯލެވެ.

"ފަރާޒް" ގެ ކާސްޓްގައި އެކްޓަރު ޕަރޭޝް ރާވަލްގެ ދަރިފުޅު އަދިތިޔާ ރާވަލް އާއި ޖޫހީ ބައްބަރާއި އާމިރު އަލީ އަދި ޕަލަކް ލަލްވާނީ ހިމެނެ އެވެ. މި ފިލްމު މިދިޔަ އަހަރު ބީއެފްއައި ލަންޑަން ފިލްމު ފެސްޓިވަލްގައި ވެސް ޕްރީމިއާކުރި އެވެ.