Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

ހެވީ ވެހިކަލް ޕާކިން އަށް ހުޅުމާލެއިން ޖާގަތަކެއް

މާލެ ސަރަހައްދުގައި ޕާކިން މައްސަލަ ހައްލު ކުރުމަށް ހެވީ ވެހިކަލް ޕާކިން ބީލަމުގެ އުސޫލުން ދޫކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، (އެޗްޑީސީ) ން ނިންމައިފި އެވެ.

އެޗްޑީސީން ޕާކިން އަށް ދޫކުރުމަށް ނިންމާފައިވަނީ އެމްޕީއެލް ސަރަހައްދުގައި އޮންނަ ހެވީ ވެހިކަލް ޕާކިންގް ޒޯނެވެ. މި ސަރަހައްދުން 19 ޖާގައެއް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް އެކުންފުނިން ވަނީ ނިންމާފައެވެ. އަދި މިކަމަށް މިއަދުން ފެށިގެން ވަނީ އިއުލާންވެސް ކޮށްފައެވެ.

ކުއްޔަށް ދޫކުރެވޭ ޕާކިންގ ޖާގަތަކުގެ ތެރޭގައި ހިމެނެނީ 40 ފޫޓު ޓްރެއިލާގެ 3 ޖާގައާއި، 20 ފޫޓު ޓްރެއިލަރގެ 2 ޖާގައާއި، ޑަމްޕްޓްރަކް ނުވަތަ ލޮރީފަދަ އުޅަދުތަކަށް ހާއްސަ ކުރެވިފައިވާ 10 ޖާގައާއި، އަދި ކްރޭން ޕާކު ކުރުމަށް ކަނޑައެޅިފައިވާ 4 ޖާގައެވެ. މި ޖާގަތަށް ކުއްޔަށް ދޫކުރަނީ މުދާ އުފުލާ ބަރު އުޅަނދުތަކަށް އެކަންޏެވެ.

އެޗްޑީސީން ބީލަމުގެ އުސޫލުން ދޫކުރާއިރު، ބީލަން ފަށާ އަގަކީ އަކަފޫޓަކަށް 12.01ރ. އެވެ. އަދި ޖާގަތައް ކުއްޔަށް ދޫކުރަން ހަމަޖެހިފައިވަނީ 2 އަހަރުގެ މުއްދަތަށެވެ. މި ޖާގަތަށް ކުރިމަތިލެވެނީ %100 ދިވެހި ވިޔަފާރިވެރިއެއް ނުވަތަ ދިވެހި ވިޔަފާރިއެއްގެ ދަށުން ރެޖިސްޓަރ ވެފައިވާ އުޅަނދުތަކަށް ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މި އުޅަނދުތަކަކީ ހުޅުމާލޭގައި ސިނާޢީ މަސައްކަތައް ބޭނުން ކުރާ އުޅަނދުތަކަށް ވާން ޖެހޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ޕާކިންގގައި ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް އެޗްޑީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، މިދިޔަ އަހަރުގެ އެޕްރީލް މަހު އެޗްޑީސީން ވަނީ ޕެއިޑް ޕާކިންގ ޒޯންތަކުން ބީލަމުގެ އުސޫލުން 2 ޒޯނަކަށް ބަހާލައިގެން 70 ކާރު ޕާކް ކުރާނެ ޖާގަ ދޫކޮށްފައެވެ. އަދި ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރާތްކުރާ ފަރާތްތަކަށް އުޅަނދުތައް ޕާކްކުރުމުގައި މިހާރު ދިމާވަމުންދާ ދަތިތަކާއި، މަގުތަކުގެ މަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް މަދުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިދިޔަ މާރޗް މަހު ވަނީ ހުޅުމާލެގައި ޕާކިންގ ބިލްޑިންގއެއް ޤާއިމްކުރުމަށް ދަމާސް ކުންފުނިއާއި ހަވާލުކުރެވިފައި ކަމަށް އެޗްޑީސީން ހާމަ ކުރެއެވެ.