މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީގެ ދަށުން ހިންގާ ރާއްޖެ ޓްރާންސްޕޯޓް ލިންކް މެދުވެރިކޮށް ވިލިމާލޭގައި އެލެކްޓްރިކް ބަހުގެ ޙިދުމަތް ދިނުމަށް އެކުންފުނިން ތައްޔާރުވެފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން އެކުންފުނިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ، މާލެ ސަރަހައްދުގައި އާރްޓީއެލް ޙިދުމަތް ކުރާ މަސައްކަތުގެ ދަށުން މިވަގުތު އެއް ފަސްވެގެން ގުޅިފައި ނެތް ވިލިމާލޭގައި އީވީ ބަހުގެ ޙިދުމަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ވިލިމާލޭގައި ބޭނުން ކުރާނީ ތިމާވެއްޓާއި ރަށްޓެހި އީވީ 6 ބަސް ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނި ގޮތުގައި، ވިލިމާލޭގައި ބޭނުން ކުރާ ބަސްތަކަކީ ޖުމްލަ 15 މީހުންގެ ޖާގަ ހިމެނޭ ބަސްތަކެއް ކަމަށެވެ. މިގޮތުން އިޝީނދެގެން 11 މީހުންނަށް މި ބަސްތަކުގައި ތިބެވޭއިރު، ކޮޅަށް 4 މީހުންނަށް ތިބެވޭނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.
ބަހުގެ ޙިދުމަތް ވިލިމާލޭގައި ފުޅާ ކުރުމަށް، ވާންޖެހޭ އެންމެހައި ތައްޔާރީތަށް އެކުންފުނިން ވަމުން އަންނަ ކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން މިމަސް ނިމުމުމުގެ ކުރީން ޙިދުމަތް ފެށޭ ވަރު ވާނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ. މީގެ އިތުރުން ދަތުރު ރޫޓާއި ޝެޑިއުލް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަ ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އާރްޓީއެލް މެދުވެރިކޮށް ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ގުޅުވާލުމަކީ ސަރުކާރުގެ އަމާޒެކެވެ. މިގޮތުން މާލޭ ސަރަހައްދުގައި ބަހުގެ ޙިދުމަތް މިހާރުވެސް ހުޅުމާލެ އަދި މާލޭގައި އެކުންފުނިން ދެއެވެ.
ވިލިއަމާލެ އަކީ އިންޖީނުލީ އުޅަނދު ދުއްވުން މަނާ ރަށަކަށްވާއިރު، ވިލިމާލޭގައި ބަގީ ޙިދުމަތް އަންނަ މަހު ފަށާނެ ކަމަށް މާލެ ސިޓީ ކައުންސިލުންވެސް ވަނީ ހާމަކޮށްފައެވެ.