Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

މަޑިފުށި ރިސޯޓް ހުޅުވައިފި

މަޑިފުށި ޕްރައިވެޓް އައިލޭންޑް ރިސޯޓު --

މ. މަޑިފުށި ޕްރައިވެޓް އިއިލޭންޑް ރިސޯޓު ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ހުޅުއްވައި ދެއްވައިފިއެވެ. މިއީ މިއަހަރު ހުޅުވި ފުރަތަމަ ރިސޯޓެވެ.

މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގް އިން ހިންގާ މަޑިފުށި އަކީ ލަގްޝަރީ ފެންވަރަށް ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ. މި ރިސޯޓު ހުޅުވުމުގެ ރަސްމީއްޔާތުގައި ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން، މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރިސޯޓު ހުޅުވުމަށް ހޯމަ ދުވަހު ރޭގަނޑު ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މައުސޫމް ވަނީ ފަތުރުވެރިކަން މ. އަތޮޅުގައި ތަރައްޤީވުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި އެ އަތޮޅަކީ 2004 ވަނަ އަހަރު ސުނާމީގައި ވަރަށް ބޮޑަށް ގެއްލުންވި އަތޮޅެއް ކަން ފާހަގަ ކުރައްވާ ރިސޯޓު ހުޅުވުމުގެ މުނާސަބަތުގައި މެނޭޖްމެންޓަށް ވަނީ މަރުހަބާ ދަންނަވާފައެވެ.

މި ރަސްމީއްޔާތުގައި މަޑިފުށި ޕްރައިވެޓް އައިލޭންޑްގެ ޖެނެރަލް މެނޭޖަރ ސްޓީވް ވިދާޅުވީ، މި ރިސޯޓުގައި އެންމެ ބޮޑަށް އަމާޒުހިފާނީ ހިތް ފަސޭހަ ޤުދުރަތީ މާހައުލެއް ގެސްޓުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ. މީގެ އިތުރުން މިހާރު ޕްރޮޑަކްޓަށް ވުރެ ބޮޑަށް ގެސްޓުންނަށް މާހައުލުގައި ފޯރުކޮށްދެވޭ އިހްސާސް ވަރަށް ބޮޑަށް މުހިންމުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވ.ެ އަދި އެގޮތަށް ރިސޯޓުގެ ޙިދުމަތްތައް ބައްޓަންވެގެންދާނެ ކަމަށް ވިދާޅުވިއެވެ،

ވެލާނާ އެއާޕޯޓުން 35 މިނެޓުން ދެވޭ މަޑިފުށި އަކީ، ވަރަށް ބޮޑަށް ތިމާވެއްޓާއި ގުޅުވައި ތަރައްޤީ ކޮށްފައިވާ ރިސޯޓެކެވެ. އެގޮތުން ރިސޯޓުގައި 80 ބީޗް އަދި އޯވާ ވޯޓާ ވިލާ ތަރައްޤީ ކުރެވިފައިވާ ކަން ރިސޯޓުން ހާމަކުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަހަރު ރާއްޖޭގައި 7 ރިސޯޓެއް ހުޅުވުމަށް ވަނީ ތާވަލު ކުރެވިފައެވެ. އެގޮތުން މަޑިފުށީގެ އިތުރުން ދެން ހުޅުވުމަށް ހަމަޖެހިފައިވަނީ ބ. އަތޮޅުގެ އަވާނީ ފަރެސް މޯލްޑިވްސް، ރ. އަތޮޅުގައި އަމާރީ ރާޔަ މޯލްޑިވްސް، މާލެ ކައިރީ ޖޯއި އައިލޭންޑް، ޅ. އަތޮޅުގައި ސިކްސް ސެންސެސް ކަނުހުރާ ހުޅުވަން ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިތުރު ދެ ރިސޯޓު މިއަހަރު ހުޅުވުން ތާވަލްކޮށްފައިވިއަސް ހުޅުވާނެ ވަކި ތާރީހެއް އާންމުކޮށްފައި ނެތެވެ،