Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ކަރިޝްމާގެ ސީރީޒް ބޭރުގެ ފެސްޓިވަލަކަށް

ބޮލީވުޑްގެ ކުރީގެ ބަތަލާ ކަރިޝްމާ ކަޕޫރްގެ ވެބް ސީރީޒް "ބްރައުން" ބޭރުގެ ފެސްޓިވަލެއްގައި ޕްރީމިއާކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ސީރީޒް ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 20-22 އަށް ޖަރުމަނުގައި ބާއްވާ ބާލިނޭލް ފެސްޓިވަލްގެ "ބާލިނޭލް ސީރީޒް މާކެޓް ސިލެކްސްޓް" ކެޓަގަރީގަ އެވެ. އޭގައި ދުނިޔޭގެ އެކި ހިސާބުތަކުން 16 އުފެއްދުމެއް ޕްރީމިއާކުރަން ހަމަޖެހިފައިވެ އެވެ. އޭގެ ތެރޭގައި ދެކުނު އެފްރިކާ، ބެލްޖިއަމް، ޗިލީ، އިޒްރޭލް، ލިތުއޭނިއާ އަދި ޖަރުމަންގެ އުފެއްދުންތައް ހިމެނެ އެވެ.

"ބާލިނޭލް ސީރީޒް މާކެޓް ސިލެކްޓްސް" ގައި ކަރިޝްމާގެ ސީރީޒްގެ އިތުރުން ބަތަލާ ސޮނާކްޝީ ސިންހާގެ ސީރީޒް "ދާހަޅް" ވެސް ޕްރީމިއާކުރަން ފުރުސަތު ލިބިފައިވެ އެވެ.

ކަރިޝްމާގެ ސަސްޕެންސް ތުރިލާ ޖޯންރާގެ ސީރީޒް "ބްރައުން" އަކީ ޒީ ސްޓޫޑިއޯސްއާ ގުޅިގެން ޑައިރެކްޓަރު އަބިނޭ ޑިއޯލް ހަދާފައިވާ އެއްޗެކެވެ. އޭނަ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި "ފޯސް 2" އާއި "ދިއްލީ ބެލީ" ހިމެނެ އެވެ.

"ބްރައުން" ގެ ކާސްޓްގައި ކަރިޝްމާގެ ފަހަރި އަދި މަޝްހޫރު ބަތަލާ އާލިއާ ބަޓްގެ މަންމަ ސޯނީ ރާޒްދާނާއި ސަލްމާން ޚާންގެ ދޮންމަންމަ ކުރީގެ ބަތަލާ ހެލެން އާއި ސޫރިއާ ޝަރުމާ އާއި ކޭކޭ ރައިނާ އަދި ޖިޝޫ ސެން ހިމެނެ އެވެ. މި ސީރީޒަކީ ކަރިޝްމާގެ ދެވަނަ ވެބް ސީރީޒްވެ. އޭނަގެ ފުރަތަމަ ވެބް ސީރީޒަކީ 2020 ގެ "މެންޓަލްހުޑް" އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކަރިޝްމާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2012 ގެ "ޑޭންޖަރަސް އިޝްގް" އެވެ. ކަރިޝްމާ އަކީ މަޝްހޫރު ބަތަލާ ކަރީނާގެ އެއްބަނޑު އެއްބަފާ ދައްތަ އެވެ.

ކަރިޝްމާ، 48، ގެ "ބްރައުން" ބެލުންތެރިންނަށް ގެނެސްދޭނީ ޒީ5 އިންނެވެ. އެކަމަކު އަދި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.