ރާއްޖެ އަށް އެތެރެކުރާ މަސްތުވާތަކެތި މިހާރު ވާނުވާއެއް ނޭނގި ގެއްލި މި ވަބާގެ ނުރައްކާ ބޮޑުވަމުންދާ އިރު، ރާއްޖޭގެ މިނިވަން މުއައްސަސާތައް އޮތީ ޕެރަލައިޒްވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަށް އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި އެއާޕޯޓުން ގެއްލުނު މައްސަލައާ ގުޅިގެން ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައިވާތީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފަދަ ކަންކަމަކީ ރާވައިގެން ހިންގާ ކަންކަމަށް ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
"އިންތިހާބު ކައިރިވަމުން އަންނަ އިރު މިފަދަ ކަންކަން ހިނގުން އިތުރުވާނެ. މިކަމާ ކަންބޮޑުވޭ،" އާދަމް ޝަރީފު ވިދާޅުވި އެވެ. "ސަރުކާރުގައި މަޖިލިސް ސުޕަ މެޖޯރިޓީ އޮތުމުން މިނިވަން މުއައްސަސާތައް ޕެރަލައިޒްވެފައި އޮތުމާ އެކު މި ނުރައްކާ ބޮޑު."
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފެހެއްޓި 46 ކިލޯގެ މަސްތުވާތަކެތި ގެއްލިފައިވާ މައްސަލައެއް ފެންމަތިވެ އެކަން ފުލުހުންގެ ސަމާލު ކަމަށް ވެސް އައިސްފައިވެ އެވެ.