Last Updated: July 22, 18:06
Wednesday, July 22, 2026
ވިޔަފާރި

ސެމްސަންގްގެ އިވެންޓެއް ފެބްރުއަރީ 1 ގައި

ސެމްސަންގުން މި އަހަރު ނެރެން ނިންމާފައިވާ އުފެއްދުންތައް ދައްކައިލަން ބާއްވާ ފުރަތަމަ އިވެންޓް އަންނަ މަހުގެ 1 އަށް ތާވަލުކޮށްފި އެވެ.

މިކަން ދެކުނު ކޮރެއާގެ ކުންފުނިން ރަސްމީކޮށް އިއުލާންކޮށް، ސެމްސަންގްގެ އުފއްދުންތަކަށް ލޯބިކުރާ މީހުންނަށް "ސެމްސަންގް އަންޕެކްޑް" އިވެންޓަށް ދައުވަތު ވެސް ދީފައިވެ އެވެ.

މި އިވެންޓް ލައިވް ސްޓްރީމްކުރަން ހަމަޖެހިފައިވާ އިރު، މި ފަހަރުގެ އިވެންޓަށް ހާޒިރުވެގެން ވެސް ބައިވެރިވެވޭނެ އެވެ. މިއީ 2020 ގައި ކޮވިޑްގެ ބަލިމަޑުކަމާ ކުރިމަތިލާން ޖެހުނު ފަހުން، އެއްތާކަށް ޖަމާވެގެން ސެމްސަންގްގެ ބޮޑު އިވެންޓެއް ބާއްވާ ފުރަތަމަ ފަހަރެވެ.

ކޮވިޑާ ވިދިގެން މުޅިން ވެސް އިވެންޓްތައް ބާއްވަމުން އައީ ވާޗްއަލްކޮށެވެ.

އަހަރުގެ ފުރަތަމަ އިވެންޓްގައި ދައްކައިލާނެ އުފެއްދުންތަކާ ބެހޭ އެއްވެސް ތަފުސީލެއް ސެމްސަންގުން ނުދެ އެވެ. އެކަމަކު "ސެމްސަންގް އަންޕެކްޑް" ގައި "ޕްރީމިއަމް" ދެ ފޯނެއް ދައްކައިލާނެކަމުގެ އިޝާރާތެއް ކުންފުނީގެ މޮބައިލްގެ ހެޑް ޑރ. ޓީއެމް ރޯ ދެއްވާފައިވެ އެވެ.

އެހެންވެ ދެން އޮތީ އަންނަ މަހުގެ 1 އަށް އިންތިޒާރުކުރުމެވެ.