ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް ދިރިއުޅުއްވި ގެއިން ފިސްތޯލައެއް ފެނުނު މައްސަލައިގައި ޖަލަށްލި މައްސަލަ ރިވިއު ނުކޮށް އޮތުމުން ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މީގެ 8 އަހަރު ކުރިން ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް ނާޒިމް ދިރިއުޅުއްވާ ގެ ބަލާ ފާސްކޮށް ފިސްތޯލައަކާއި ވަޒަނެއް އަދި ޕެންޑްރައިވެއް އަތުލައިގަތް މައްސަލައިގައި ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލުހުކުމެއް އިއްވިއެވެ. އަދި އެ މައްސަލައިގައި ތިން އަހަރަށް ވުރެއް ގިނަ ދުވަސް ނާޒިމް ޖަލުގައި ހޭދަކުރެއްވިއެވެ.
އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ނާޒިމް ވިދާޅުވީ، ފްރޭމް ކުރި ކުރުމަކީ ސިޔާސީ އަދި ޕްރޮފެޝަނަލް ހަޔާތުގައި ލިބުނު ފުރަތަމަ ދެރަ ނޫން ކަމަށާއި އެހެންނަމަވެސް އެއީ ލިބުނު އެންމެ ބޮޑު ނިކަމެތިކަން ކަމަށެވެ. ސްޕްރީމްކޯޓުން ފުލުހުންގެ މައްޗަށް މިމައްސަލަ ރިވިއުކުރަން އަމުރުކޮށްފައިވާކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ މިމައްސަލަ ނުބެލި އޮތުމަކީ އިންސާފު ގާއިމުނުކުރެވުން ކަމަށެވެ.

މީގެއިތުރުން ނާޒިމްގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ދައުލަތް ހިންގަން ލިބިއްޖެނަމަ މީހެއްގެ ފިކުރަކަށް އަދި ކުލަޔަކަށް ނުބަލައި އަދުލު އިންސާފު ގާއިމު ކުރުމުގައި ދެމި ހުންނަވާނެ ކަމަށެވެ.
"އަޅުގަނޑު ޤަބޫލުކުރާގޮތުގައި، އިންސާފަކީ ހަމަ ކޮންމެ މީހަކަށްވެސް ލިބެންޖެހޭ އެއްޗެކެވެ. ތަޙްގީގުގެ މަރުހަލާއާއި، ދައުވާކުރުމުގެ މަރުހަލާ އަދި ޝަރީއަތުގެ މަރުހަލާ މިނިވަންކުރުމަކީ މުޅި ގައުމުގެ ހައްޤުގައި ކުރަންޖެހޭ ކަމެކެވެ. އަދުލުއިންސާފު ގާއިމުނުވެ ފަރުދީ މިނިވަންކަން ކަށަވަރެއް ނުކުރެވޭނެއެވެ. ސިޔާސީ މައިދާނުގެ މިނިވަންކަންވެސް ކަށަވަރެއް ނުކުރެވޭނެއެވެ." ނާޒިމްގެ ބަޔާނުގައި ބުނެފައިވެއެވެ.
ނާޒިމް ވިދާޅުވީ އެ މައްސަލައަކީ މާޒީ ކަމަށާއި މިއަދު އަނެއްކާވެސް ހުރީ ގައުމީ ހިދުމަތަށް ނުކުމެ ކަމަށެވެ.
މިމައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި އަމުރަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފައިވެއެވެ. އެހެންނަމަވެސް ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނިމުމުން އަލުން އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ހުކުމް ބާތިލުކޮށް ނާޒިމް މިނިވަން ކުރިއެވެ.
ނާޒިމް ގެއިން ފިސްތޯލަ ފެނުން މައްސަލައިގައި ޔާމީންގެ ނައިބު ރައީސްކަން ކުރެއްވި އަހުމަދު އަދީބު މީގެކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނާޒިމް ފްރޭމްކޮށްފައިވަނީ ސިފައިންގެ ޝޫޓިން ގެލެރީގައި ބޭނުންކުރި ފިސްތޯލައިން ކަމަށާއި، ނާޒިމްގެ ގެއިން ފެނުނު ފިސްތޯލާ ބެހޭ އެއްވެސް ކަމެއް ނާޒިމަށް ނޭނގޭނެ ކަމަށާއި ޝަރުއީ ކޯޓެއްގައި އެކަމަށް ހެކިބަސް ވެސް ދޭނެ ކަމަށެވެ.