Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

މާވެލްގެ ފިލްމުތައް އަލުން ޗައިނާ އަށް

asian chinese mixed age group audience watching movie sitting in a row in cinema movie theater enjoying

ޗައިނާގައި މާވެލް ސްޓޫޑިއޯސްގެ ފިލްމުތައް ދެއްކުން ހުއްޓާލާފައި އޮތުމަށް ފަހު، އަލުން އެތަނުގެ ފިލްމުތައް ދައްކަން ނިންމައިފި އެވެ.

މިއާ އެކީ އަންނަ މަހުގެ ތެރޭގައި މާވެލްގެ ދެ ފިލްމެއް އެ ގައުމުގައި އަޅުވަން މިހާރު ވަނީ ތާވަލުކޮށްފަ އެވެ. އެއީ މިދިޔަ އަހަރު ރިލީޒްކުރި "ބްލެކް ޕެންތާ: ވެކަންދާ ފޯއެވާ" އާއި "އެންޓް-މޭން އެންޑް ދަ ވާސްޕް: ކްއަންޓަމޭނިއާ" އެވެ.

މި ފިލްމުގެ ތެރެއިން "ބްލެކް ޕެންތާ 2" ޗައިނާގެ ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 7 ގަ އެވެ. އަދި "އެންޓް-މޭން އެންޑް ދަ ވާސްޕް: ކްއަންޓަމޭނިއާ" އަޅުވާނީ އަންނަ މަހުގެ 17 ގަ އެވެ. މި ދެ ފިލްމު ވާނީ 2019 ގެ "އެވެންޖާޒް: އެންޑް ގޭމް" ގެ ފަހުން ޗައިނާގައި އަޅުވާ މާވެލްގެ ފުރަތަމަ ފިލްމުތަކަށެވެ.

ޗައިނާގައި އަބަދު ވެސް މާވެލްގެ ފިލްމުތަކަށް ބޮޑު ތަރުހީބެއް އޮވެ އެވެ. އަދި އެގައުމުން ބޮޑު އާމްދަނީއެއް ވެސް ފިލްމުތަކުން ނަގަ އެވެ. މާވެލްގެ ފިލްމުތައް އަލުން ސިނަމާތަކަށް ގެންނަން ނިންމުމުން ޗައިނާގެ ފޭނުން މިހާރު އަންނަަނީ އެކަމާ އުފާފާޅުކުރަމުންނެވެ.

ކޮވިޑްގެ ހާލަތު 2020 ގެ ފަހުކޮޅު ގޯސްވި ފަހުން، ހޮލީވުޑްގެ ބޮޑެތި ސްޓޫޑިއޯތަކުން ވެސް ޗައިނާގާ މާކެޓާ މެދު ފަސް ޖެހުނަސް ފަހުންފަހުން އެކަން ވަނީ ބަދަލުވާން ފަށައިފަ އެވެ. މާވެލްގެ ފިލްމުތައް ޗައިނާގައި ދެއްކުން ހުއްޓާލި ސަބަބެއް ޗައިނާގެ ރަސްމީ އެއްވެސް ފަރާތަކުން ހާމައެއްނުކުރެ އެވެ.