Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ހެއްކާ ބެހޭ ޤާނޫނަށް އަމަލުކުރަން ފަށައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންތަކަކާ އެކު- ފޮޓޯ: ރައީސް އޮފީސް

މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އެކުލަވާލި ހެއްކާ ބެހޭ ޤާނޫނަށް އަމަލުކުރަން ފަށައިފިއެވެ.

ނޫސްވެރިންގެ ބޮޑެތި ކަންބޮޑުވުންތަކެއް އޮތް ހެއްކާބެހޭ ޤާނޫނު ތަސްދީގު ކޮށްފައިވަނީ 18 ޖުލައި 2022 އެވެ. އެ ގާނޫނަށް އަމަލުކުރުމަށް ހަވަޖެހިފައިއޮތީ ތަސްދީގުކުރާ ދުވަހުން ފެށިގެން 6 މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

މިއަދު ހެއްކާބެހޭ ގާނޫނަށް އަމަލުކުރަން ފަށާފައިވާއިރު، މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އޮތީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގައެވެ. އެ މާއްދާގެ (ހ) ގައި ބުނެގައި ވަނީ މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާ އަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ކަމަށެވެ. އަދި ފަނޑިޔާރަށް ލިބިފައިވާ ބާރުގެ ތެރޭގައި މަސްދަރު ހާމަކުރަން ނޫސްވެރިންނަށާއި އޭނާ މަސައްކަތްކުރާ މީޑިއާއަށް ވެސް މަޖުބޫރު ކުރެވިދާނެއެވެ.

މިއީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައްގުތައް ހަނިވެގެންދާނެ ގޮތަށް އޮތް މާއްދާއެއް ކަމަށް ނޫސްވެރިން ތަމްސީލުކުރާ ޖަމިއްޔާތަކުން އަންނަނީ ބުނަމުންނެވެ.

ނޫސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން، "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022" ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ހެއްކާބެހޭ ޤާނޫނާއި ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމަށް އެ ޤާނޫނު އަލުން އިޞްލާހުކުރުމަށް ނިންމަވާފައިވާކަމަށް ވިދާޅުވެފައެވެ.

ހެއްކާބެހޭ ޤާނޫނަކީ، މަދަނީ މައްސަލަތަކާއި ޖިނާއީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމުގައި ތަބާވާންޖެހޭ އުސޫލުތަކާއި، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި އެނޫންވެސް ހެއްކާބެހޭ އާންމު އުޞޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ މަޤުސަދުތަކުގެ ތެރޭގައި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިންސާފުން ޝަރީއަތްކުރެވުމުގެ ހައްޤު އެގޮތުގައި ކަށަވަރުކޮށްދިނުމަށް ބޭނުންވާ އަސާސީ އެއް އުސޫލު ކަމުގައިވާ ހެކީގެ އުސޫލު ތަފްސީލުކޮށް ޤާނޫނުގައި ބަޔާންކޮށް، ކަނޑައަޅައިދިނުން ހިމެނެއެވެ.