މާލެ ތެރެއިން ނަގާ ކުނި މެނޭޖްކޮށް ދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.
ކައުންސިލުން ބުނީ މާލޭގެ މަގުތަކާއި ހުސް ބިންތަކާއި މައިޒާންތަކުން ކުނި ނަގާ ސާފުކޮށް ބެލެހެއްޓުމުގެ ދަށުން، ނަގާ ކުނިތައް އެއް ސަރަހައްދަކަށް ޖަމާކުރުމުން އެ ސަރަހައްދުން ވެމްކޯ ސައިޓްތަކަށް ކުނި ގެންދިޔުމުގައި އެހީތެރިވުމާއި، އެ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެހެންވެ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަނީ ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
މިކަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 23 ގެ މެންދުރު ފަހު 1:00ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ. އަދި ބީލަން ހުށަހެޅުމުގެ ސުންގަޑި އަކީ މި މަހުގެ 25 އެވެ. ބީލަން ހުށަހެޅޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
މާލެ ތެރެއިން ކުނި ނަގައި ސާފުކުރުމުގެ ޒިންމާއާ ކައުންސިލުން މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ އަލުން ހަވާލުކޮށްފަ އެވެ. އެއީ ވެމްކޯ އަށް އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރެވޭ ކަމަށް ބުނެ އެގްރިމަންޓް ވެސް ބާތިލުކުރުމަށް ފަހު އެވެ.
ކައުންސިލުން ވަނީ މާލެ ތެރޭގައި "ކުނި އެޅުން މަނާ" ބޯޑްތަކެއް ވެސް ހަރުކޮށްފަ އެވެ.