އައު ފަންކްޝަންތަކާއެކު މީރާގެ އައު ވެބްސައިޓް އަދި މީރާގެ އައު މޮބައިލް އެޕްލިކޭޝަން ތައާރަފްކޮށްފިއެވެ.
މީރާ އިން ބުނީ މީގެ މަޤްސަދަކީ ޓެކްސް ދައްކާ ފަރާތްތަކަށް ވީހާވެސް ފަސޭހައިން ޓެކުހާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، ޓެކުހާ ގުޅޭ އިލްތިޒާމުތައް ފުރިހަމަކުރުމުގައި ފަސޭހަ ގޮތްތައް ހަމަޖައްސައިދިނުން ކަމަށެވެ.
މީރާގެ އައު ވެބްސައިޓް އަދި މޮބައިލް އެޕްލިކޭޝަން ތައާރަފްކޮށްފައިވަނީ މިއަދު މެންދުރުފަހު މީރާގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް އަދި މީރާގެ ބޯޑުގެ ޗެއަރޕަރސަން، އަޙްމަދު ސަރުވަޝް އާދަމް އެވެ.
މީރާގެ ވެބްސައިޓުގައި ހިމެނޭ އައު ކަންތައްތަކަށް ބަލައިލާއިރު، މީރާއަށް ހުށަހަޅާ ހުރިހާ ފޯމެއް ވެބްސައިޓް މެދުވެރިކޮށް ފުރިހަމަކުރުމަށްފަހު މިހާރު ހުށަހެޅޭނެ ކަމަށް މީރާއިން މައުލޫމާތު ދެ އެވެ. މީރާގެ އައު ވެބްސައިޓުގައި 'ލައިވް ޗެޓް' ފަންކްޝަން ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އަދި، ޓެކުހާ ގުޅޭ މުހިންމު މައުލޫމާތު ފަސޭހައިން ލިބޭނެ އިންޓަރއެކްޓިވް ގައިޑްތައް މީރާއިން ވަނީ ހިމަނައިފަ އެވެ.
The Commissioner General of Taxation, Mr. Fathuhulla Jameel and Chairperson of MIRA’s Board of Directors Mr. Ahmed Saruvash Adam have launched the new website and mobile application of MIRA. (1/2) pic.twitter.com/4PsuUFrm1J
— Maldives Inland Revenue Authority (@MIRAmaldives) January 18, 2023
މީގެ އިތުރުން ވެސް، ޓެކްސްގެ ޤާނޫނުތަކާއި ގަވާއިދުތަކާއި، މީރާއިން ޝާއިރުކުރާ ތަފާސް ހިސާބުތަކާއި އަދި އެހެނިހެން މުހިންމު ޚަބަރުތައް ފަސޭހައިން ހޯދޭނެ ގޮތަށް މި ވެބްސައިޓް ފަރުމާކޮށްފައިވާކަމަށް މީރާއިން މައުލޫމާތު ދެ އެވެ.
މީރާގެ އައު މޮބައިލް އެޕްލިކޭޝަނަށް ބަލައިލާއިރު، ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށް ބޭނުންކުރާ މީރާގެ އޮންލައިން ޕޯޓަލް 'މީރާކަނެކްޓް' އަދި މީރާއަށް ބަލައިގަންނަ އެހެނިހެން ޓެކުހާއި ފީ ބަލައިގަންނަ އޮންލައިން ޕޯޓަލް 'ވާރުޕޭ' ގެ ގިނަ ޚިދުމަތްތައް ވެސް މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެކަމަށް މީރާއިން މައުލޫމާތުދެ އެވެ.
އަދި، މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓެކުހުގެ މުހިންމުގެ ސުންގަޑިތައް ދެނެގަނެ، ފޯނުގެ ކަލަންޑަރަށް ރިމައިންޑަރ ލެވޭނެ އިންތިޒާމު ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން، މީރާގެ ކައުންޓަރުތަކުން ޚިދުމަތް ހޯދުމަށް ޓޯކަން ނަންބަރު ނަގައި، ކިއު ތަރުތީބު މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ބަލައިލެވޭނެކަމަށް މީރާއިން މައުލޫމާތު ދެއެވެ. އަދި، ޓެކުހާ ގުޅޭ މައުލޫމާތު ހޯދުމަށް އެޕޮއިންޓްމަންޓަށް އެދުމާއި މައުލޫމާތު ސެޝަންތައް ބޭއްވުމަށް މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ހުށަހެޅޭނެކަމަށް މީރާއިން މައުލޫމާތު ދެ އެވެ.
މީރާގެ މޮބައިލް އެޕްލިކޭޝަން ގޫގުލް ޕްލޭ ސްޓޯރުންނާއި އެޕަލްގެ އެޕް ސްޓޯރުން މިހާރު ޑައުންލޯޑްކުރެވޭނެ އެވެ.