ރާއްޖޭގައި މިހާތަނަށް ޤާއިމް ކުރެވޭ އެންމެ ބޮޑު މަސް ފިނިކުރާ ނިޒާމު ފެލިވަރުގައި ޤާއިމް ކުރުމުގެ މަޝްރޫޢުގެ އިންޑިއާގެ ރައިނެކް އިންޑިއާއި ހަވާލުކޮށްފިއެވެ.
މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރޭ ހދ. ހަނިމާދޫ އެއާޕޯޓު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމީއްޔާތުގެ ތެރެއިންނެވެ. މި ރަސްމީއްޔާތުގައި ރައީސުލްޖުމުހޫއްރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ އިތުރުން ދައުލަތުގެ އިސްވެރިންނާއި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. ސުބްރަމަނިޔަމް ޖައިޝަންކަރު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީގެ ސީއީއޯ އިސްމާއިލް ފައުޒީއާއި، ރައިނެކް އިންޑިއާ ޕްރައިވެޓް ލިމިޓެޑް މެނޭޖިންގް ޑިރެކްޓަރ ޕީ. ސުކްމަރަންއެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯން ފައިނޭންސް އުސޫލުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މިމަޝްރޫޢު އަކީ ޖުމްލަ 23 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މިމަޝްރޫޢުގެ ތެރޭ ޅ. ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް ކޮމްޕްލެކްސްއެއް ޤާއިމް ކުރުމާއި، ގއ. ގެމަނަފުށީގައި އައިސްޕްލާންޓެއް ޤާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ދަށުން ފެލިވަރުގައި ޤާއިމުކުރެވޭ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކީ ރާއްޖޭގައި މިހާތަނަށް ޤާއިމުކުރެވޭ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ދުވާލަކު 200 ޓަނުގެ މަސް ފްރީޒްކުރެވޭ ބްރައިން ފްރީޒިންގ ފެސިލިޓީއަކާއި މަސް ފިނިކޮށް ބަހައްޓާ 80 ޓަނުގެ ރެފްރިޖަރޭޓަޑް ސީ ވޯޓަރ ސިސްޓަމެއްވެސް ޤާއިމުކުރެވޭނެއެވެ. މީގެ އިތުރުން ގއ. ގެމަނަފުށީގައި 50 ޓަނުގެ ބްލޮކް އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ޤާއިމުކުރެވޭނެއެވެ.
މި ބިޔަ މަޝްރޫޢުގެ ސަބަބުން މަސްވެރިންނަށް މިހާރު މަސް ކިރުވުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަގުފަހި ވެގެންދާނެއެވެ. އަދި މިއާއެކު މިފްކޯގެ ސްޓޯރެޖް އަދި ފްރީޒިންގް ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުވެގެން ދާނެއެވެ.
މިފްކޯގެ ވަސީލަތްތަށް ތަރައްޤީކޮށް ޤާއިމް ކުރުމަށް ފެލިވަރުގެ 5.7 ހެކްޓަރު ބިން ސަރުކާރުން ވަނީ ހިއްކާފައެވެ. އަދި ފެލިވަރުގައި 100 ޓަނުގެ މަސް ޕްރޮސެސްކުރާ ފެކްޓަރީއެއް ޤާއިމުކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށްޓަކައި ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ. މި މަޝްރޫޢުގެ ދަށުން 40 ޓަނުގެ ފިޝްމީލް ޕްލާންޓެއްވެސް ފެލިވަރުގައި ޤާއިމުކުރެވިގެންދާނެއެވެ.

މިއާއެކު އެކްސްޕޯޓް ޖެޓީއަކާއި، މަސްކިރާ ޖެޓީއެއްގެ އިތުރުން ފެލިވަރުގެ އާންމު ބޭނުންތަކަށް ބޭނުންވާ ޖެޓީއެއް ޤާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދެއެވެ. ސަރުކާރުން ހާމަކުރާ ގޮތުގައި މިމަސައްކަތުގެ %85 ވަނީ ނިމިފައެވެ.
މިމަސައްކަތްތަށް ނިމުމުން މިފްކޯއިން ގަންނަމަހުގެ ބޮޑުބައެއް ވެލިޔު އެޑްކޮށްގެން އެކްސްޕޯޓްކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި މަސްވެރިން ކިރާ މަހަށް ލިބޭ އަގު މަތިވެ، މަސްވެރިންނަށާއި މިފްކޯއަށް ލިބޭ ޢާމްދާނީ އެތައް ގުނައެއް އިތުރުވާނެ ކަމަށް ސަރުކާރުން ޤަބޫލު ކުރެއެވެ.