Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އިންޑިއާ އިން 2.7 ބިލިއަންގެ އެހީ ދީފި

ހަނިމާދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމީއްޔާތުގެ ތެރެއިން މިނިސްޓަރ ޝާހިދު / ފޮޓޯ: ރައީސް އޮފީސް

ފާއިތުވި އަހަރުތަކުގެ ތެރޭ އިންޑިއާއިން ގާތްގަނޑަކަށް 2.7 ބިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، މިއަދު ފެނިގެން މިދަނީ ރާއީސް އިބްރާޙިމް މުހައްމަދު ސާލިޙުގެ ލާމަރުކަޒީ ސިޔާސަތުގެ ސާފު ދަލީލީ ހެކިކަމަށް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ރާއްޖޭގެ އުމްރާނީ ތަރައްޤީ ކުރުމަށް ފާއިތުވެދިޔަ އަހަރުތަކުގައި އަދި މިއަދާ ހަމައަށްވެސް، އިންޑިއާ ސަރުކާރުން ދަނީ ކެނޑިނޭޅި ނުހަނު ގިނަ އެހީތަކެއް ވެދެމުން ކަމަށެވެ.

" އިންޑިއާއިން ހަމަޖައްސަވާ ދެއްވާފައިވާ ގާތްގަނޑަކަށް 2.7 ބިލިއަން ޑޮލަރުގެ އެހީގެ ތެރެއިން، 173.4 މިލިއަން ޑޮލަރަކީ ހިލޭ އެހީ." ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވިއެވެ. " އަޅުގަނޑުމެން މިދަނީ މި އެހީތެރިކަމުގެ ދަށުން އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަށް ހިންގަމުން "

ފޮރިން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނާއި އަދި މެދު ރާއްޖޭގެ އަތޮޅުތަކުގައި ރަށްވެހީންގެ ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށް އެކި ދާއިރާތަކުން އިންޑިއާގެ އެހީގައި ހިންގަމުންދާ ކަމަށެވެ. އަދި ބައެއް މަޝްރޫޢުތަށް ނިމި އޭގެ ލާބައާއި މަންފާ ދިވެހި ރައްޔިތުންނަށް މިހާރުވެސް ލިބެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޖައިޝާންކަރު / ފޮޓޯ: ރައީސް އޮފީސް

އަދި މިކަމުންވެސް ޖަޒީރާ ދިރިއުޅުމަށާއި އަތޮޅުތަކުގެ ތަރައްޤީއަށް މިއަދުގެ ސަރުކާރުން ދެއްވާ އަހަމީއްޔަތު ވަރަށް ފުރިހަމައަށް އެނގިގެންދާ ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ އިންޑިއާގެ އެހީގައި ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަޝްރޫޢުއެވެ. މިމަޝްރޫޢުގެ ސަބަބުން ބޮޑު ތިލަދުންމަތި ފަތުރުވެރިކަމަށް ފައްކާވެގެން ދާނެ ކަމަށް ސަރުކާރުން ދެކެއެވެ.