ރާއްޖޭގެ ރަށްތަކުގައި ޢުމްރާނީ ވަސީލަތްތަށް ތަރައްްޤީ ކުރުމަށް އިތުރު 100 މިލިއަން ރުފިޔާގެ އެހީ ދިނުމަށް އެއްބަސްވެވިފައިވާ ކަމަށް އިންޑިއާ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރް ވިދާޅުވެއްޖެއެވެ.
ހަނިމާދޫ އެއާޕޯޓުގެ ޢަމަލީ މަސައްކަތް ފެށުމަށް ރޭ ބޭއްވި ރަސްމީއްޔާތުގައި ރައީސުލްޖުމުހޫއްރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙުއާއި ކެބިނެޓުގެ ވަޒީރުންގެ އިތުރުން، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޖައިޝަންކަރު އަދި އިންޑިއާ ސަފީރު މުނޫ މުހާވަރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޖައިޝަންކަރު ވަނީ އިންޑިއާގެ އެހީގައި ރާއްޖޭގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދެވޭކަން ފާހަގަކޮށް، މިމަޝްރޫޢުތަކަށް އަލިއަޅުވާލާފައެވެ. އެގޮތުން ތަރައްޤީގެ ބޮޑެތި ޕްރޮޖެކްޓުތަކުގެ ތެރޭގައި އައްޑޫގައި ހިންގަމުންދާ ޕްރޮޖެކްޓް މިދިޔަ އަހަރު ބައްލަވާލެއްވި ކަމަށާއި، ތިލަމާލޭގެ ބްރިޖުގެ މަޝްރޫޢު ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން 34 ރަށެއްގެ ނަރުދަމާގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާއި މީގެއިން ގިނަ މަސައްކަތް ނިމުމަކާއި ގާތަށް ގޮސްފައިވާ ކަން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރަށްވެސް އިންޑިއާ ސަރުކާރުގެ އެހީގައި މިހާރުވެސް ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓުތަކުގެ 45 މަޝްރޫޢެއް ކުރިއަށްދާކަން ފާހަގަ ކުރެއްވިއެވެ. މީގެ ތެރެއިން ބައެއް މަޝްރޫޢު ނިމިފައިވާއިރު، އީއްޔެ ދިވެހި ސަރުކާރާއި އެކު މިފަދަ އިތުރު މަޝްރޫޢުތަކަށް 100 މިލިއަން ރުފިޔާގެ އެހީ ދިނުމަށް ހަމަޖެހިފައިވާކަން ހާމަކުރެއްވިއެވެ.
މިއީވެސް ރާއްޖޭގެ ރައްތަކުގެ ޢުމްރާނީ ތަރައްޤީގެ މަސައްކަތް ކުރުމަށާއި، ރައްތަކުގެ އިޤްތިޞާދީ ތަރައްޤީއަށް ޙަރަދު ކުރުމަށް ދެވޭ އެހީއެއްކަން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ ތަރައްޤީކުރުމަކީ މުހިންމު ކަމެއް ކަމަށް އެޤައުމުން ދެކޭ ކަމަށާއި، މިމަސައްކަތުގައި އެހީވުމަށް ފެލިވަރު ކޯލްޑް ސްޓޯރޭޖް ޕްރޮޖެކްޓުގެ މަސައްކަތް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖޭއިން އެކްސްޕޯޓް ކުރާ މަސް އެއްވެސް ޑިއުޓީއަކާއި ނުލާ އިންޑިއާއިން އެތެރެކުރުމަށް ތައްޔާރަށް އޮތްކަން ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން މިދިޔަ އަހަރު އެކަނިވެސް 900 އަށް ވުރެ ގިނަ ދިވެހިންނަށް އިންޑިއާގައި އެކި ދާއިރާތަކުން ފަންނީ ތަމްރީން ހާސިލްކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
އަދި ރާއްޖޭގެ ތަރައްްޤީގެ ބައިވެރިއެއްގެ ގޮތުގައި އިންޑިއާ އަބަދުވެސް ދެމި އޮންނާނެ ކަމަށާއި، އަދި މިއަދު ދުނިޔެއަށް ކުރިމަތިވެފައި އިޤްތިޞާދީ ދަތިހާލުގައި ޤައުމުތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.