ދަރަނީގެ ވާހަކަ ދައްކަނީ ތަރައްޤީގެ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ގޮތުން ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓް ފައްޔާޒް އިސްމާޢިލް ވިދާޅުވެއްޖެއެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ، 21 ވަނަ ގަރުނުގެ ޤައުމުތަކާއި އަރައިހަމަ ކުރުމަށްޓަކައި ޒަމާނުއްސުރެ ދޫކޮށްލެވިފައި ކަން ހުރިކަމަށް ވިދާޅުވިއެވެ. އަދި މިކަންކަން ކުރުމުގެ ޤާބިލުކަން ހުރިކަން ޤަބޫލުކުރެވި މަސައްކަތް ކުރަނީ އެވިސްނުމުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވާހަކަފުޅުގައި ސަރުކާރުން ކުރިއަށް ގެންދާ އެކި ތަރައްޤީގެ މަޝްރޫޢުތަކަށް ވަނީ އަލިއަޅުވާލައްވާފައެވެ. އަދި މިމަސައްކަތަކަކީ މިއިން ދުވަހަކުވެސް ރާއްޖޭގެ ތަރީޙުގައިވެސް އެއްވެސް ސަރުކާރަކުން ނުކުރާވަރުގެ ކަންކަން ކަމަށް ވިދާޅުވިއެވެ.
އަދި ދަރަނިވެރިވާ ވާހަކަ ތަކުރާރުކޮށް ދައްކަނީ ސަރުކާރުގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް ކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ހުރަސް އެޅޭ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
" ބަޔަކު ނުކުމެ ދަރަނިއޭ ދަރަނިއޭ ވައްކަން ކުރަނީއޭ، ކަމެއް ނުވެއޭ، މިހެން ކީމަ ވާގޮތަކީ، މިކަންކަމަށް ފައިނޭސް ކުރަން ތިބި ފަރާތްތަކާއި، މިކަންކަން ކުރަން ތިބި ފަރާތްތަކާއި އިންވެސްޓު ކޮށްދޭ ފަރާތްތަކުން ފަހަތަށް ޖެހެނީ " މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ. " އެމީހުންނަށް ނޭނގޭ ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހު އޮންނަ ގޮތެއް "
ސަރުކާރުގެ މަޝްރޫޢުތައް ހިންގުމަށް ފައިސާ ހޯދުމުގެ ބޭރުގެ އިދާރާތަކަށާއި، ކޮމާޝަލް ބޭންކުތަކަށް ދާއިރު ކަންކަން ލަސްވަނީ މިދައްކާ ވާހަކަ ތަކުގެ ސަބަބުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ ކޯވިޑުގެ އިތުރުން ކަންކަން ލަސްވުމުގެ ވަރަށް ބޮޑު ސަބަބަކަށް މިވާހަކަތައް ވާކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ، ސިޔާސީ ވާދަވެރިން ފާޑުވެސް ކިޔަންވާނެ ކަމާށާއި، ނަމަވެސް ރައްޔިތުންނަށްޓަކައި ކުރެވޭ މަސައްކަތް ޤުރުބާންކޮށް ސަރުކާރު ފެއިލްކޮއްލާއި ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒު ކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ ރައްޔިތުން ސުވާލު ކުރަން ޖެހޭ ކަމަށެވެ.

އަދި އިދިކޮޅު ފަރާތްތަކުން ދަރަނި ބޮޑު ޤައުމު ބަނގުރުޓޫވަނީއޭ ކިޔާތާ މިހާރު ހަތަރު އަހަރުވެފައިވާއިރު، ޤައުމު އިރާދަކުރެއްވިއްޔާ ބަނގުރޫޓު ނުވެސް ވާނެ ކަމަށް ވިދާޅުވިއެވެ. އަދި އިދިކޮޅުން ދައްކާވާހަކަތައް އެމަނިކުފާނު ވަނީ ރައްދު ދެއްވާފައެވެ. މިގޮތުން ތަރައްޤީ އަންނަނީ ކިޔައިގެން ދަރަނި ނުނަގާ އެތަކަށް އަހަރެއް ވަންދެން މަޑު ކުރަންވީތޯ ވަނީ ސުވާލު ކުރައްވާފައެވެ.
މިނިސްޓަރ ފައްޔާޒު ވަނީ ސަރުކާރަށް ކޮންމެ ފަދަ ހަމަލާއެއް އަޔަސް ރައީސް ސާލިހުއާއިއެކު ކެރިގެން ދެމިތިބެ ކުރިއަށް ގޮސް ރައްޔިތުންގެ ހުވަފެންތަކުގައި ކުލައްޖައްސަވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.