Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ހުވަފެން ހަގީގަތަކަށްވީ އަދި ކިރިޔާ: ޝާހްރުކް

މީގެ 32 އަހަރު ކުރިން ބޮލީވުޑަށް ނުކުތީ އެކްޝަން ހީރޯއަކަށްވާން ކަމަށާއި އެ ހުވަފެން ހަގީގަތަކަށްވީ އަދި ކިރިޔާ ކަމަށް ޝާހްރުކް ޚާން ބުނެފި އެވެ.

މި މަހުގެ 25 ގައި ރިލީޒްކުރާ އޭނަގެ ފުރަތަމަ އެކްޝަން ތުރިލާ "ޕަތާން" ގެ ޕްރޮމޯޝަންގެ ތެރެއިން އެ ފިލްމު އުފެއްދި، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން އާންމުކޮށްފައިވާ ޔޫޓިއުބް ވީޑިއޯއެއްގައި ޝާހްރުކް ބުނީ އޭނަ އަބަދު ވެސް ބޭނުންވީ އެކްޝަން ފިލްމުތައް ކުޅޭ ތަރިއަކަށްވާން ކަމަށެވެ. އެކަމަކު ބޮލީވުޑުން އޭނަ ހަދާލީ ރޮމޭންޓިކް ހީރޯއަކަށް ކަމަށް ބުންޏެވެ.

ޝާހްރުކް، 57، ގެ ކެރިއަރުގައި މިހާތަނަށް ކުޅުނު ގިނަ ފިލްމުތަކަކީ ލޯބީގެ ފިލްމުތަކެވެ. މީގެ ތެރެއިން ވެސް ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) އާއި "ޑަރް" އާއި "ދިލް ތޯ ޕާގަލް ހޭ" އާއި "ކުޗް ކުޗް ހޯތާ ހޭ" އާއި "މުހައްބަތޭ" އަދި "ކަބީ ހުޝީ ކަބީ ޢަމް" ގަދަ ފިލްމުތަކަކީ ބެލުންތެރިންގެ ހިތްތައް ޝާހްރުކް ފަހަތަކުރި ފިލްމުތަކެވެ.

އޭނަ ބޮލީވުޑަށް ނުކުތީ 1992 ގެ "ދީވާނާ" އިންނެވެ.

ޝާހްރުކް ބުނީ ލޯބީގެ ފިލްމުތަކުން ބެލުންތެރިން އޭނަ ބަލައިގަތް މިންވަރަށްޓަކައި އަބަދު ވެސް ޝުކުރުވެރިވާނެ ކަމަށެވެ. އަދި ހާއްސަކޮށް "ޑީޑީއެލްޖޭ" ގައި ކުޅުނު ރާހުލްގެ ކެރެކްޓާ އަކީ ބެލުންތެރިންގެ ލޯތްބާއި ސަޕޯޓް އިންތިހާ އަށް ލިބުނު ރޯލެއް ކަމަށް ބުންޏެވެ.

"ލޯބީގެ ރޯލުތަކުން ބެލުންތެރިން އަހަރެން ތަރިއަކަށް ހެދިޔަސް ހަގީގަތުގައި ބޭނުންވ އެކްޝަން ފިލްމުތައް ކުޅޭ މީހަކަށް ވާން. އެކަމަކު ކަން ދިމާކުރި ގޮތުން ފިލްމު ހަދާ މީހުން އަހަރެން ބަދަލުކޮށްލީ ރޮމޭންޓިކް ހީރޯއަކަށް،" ތިން ކުދިންގެ ބައްޕަ ބުންޏެވެ. "އެކަމަކު އުފާވާ ކަމަކީ ބައްތިރީސް އަހަރު ފަހުން އަހަރެން ހުވަފެން ހަގީތަކަށްވީތީ. އެހެންވެ ބުނެވިދާނެ އަދި ކިރިޔާއޭ އަހަރެން ކުޅެން އެންމެ ބޭނުންވި ކަހަލަ ފިލްމެއް ކުޅެވުނީ."

ދުނިޔޭގެ އެންމެ މުއްސަނދި ފިލްމީ ތަރިންގެ ތެރޭގައި ހިމެނޭ ޝާހްރުކް ބުނި ގޮތުގައި "ޕަތާން" އަކީ ބެލުންތެރިން ބޭނުންވާނެ ހުރިހާ ރަހައެއް އެކުލެވޭ ފިލްމަކަށް ވާނެ އެވެ.

"ޕަތާންގައި އަހަރެންގެ ކެރެކްޓާ އަކީ ގައުމު ދެކެ ވަރަށް ލޯބިވާ ވަތަނީ ކެރެކްޓާއެއް. އޭނަ އަކީ ގައުމުގެ ދިފާއުގައި ކޮންމެ ފަދަ ކަމެއް ވެދސް ކުރަން ތައްޔާރަށް ހުންނަ މީހެއް،" ޝާހްރުކް ބުންޏެވެ. "މީގައި ވަރަށް ވަރުގަދަ އެކްޝަންތަކެއް ފެންނާނެ."

ފިލްމުގެ ޓްރެއިލާ އިން ވެސް ފެންނަ ގޮތުގައި މި ފިލްމު ވާނީ މީގެ ކުރިން ސްކްރީނުން ޝާހްރުކް ފެނިފައި ނުވާތާ ތަފާތުކޮށް އަދި ވަރުގަދަކޮށް ފެންނާނެ ފިލްމަކަށެވެ.

ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ "ޕަތާން" ގެ ކާސްޓްގައި ދީޕިކާ ޕަދްކޯނާއި ޖޯން އަބްރަހަމް ވެސް ހިމެނެ އެވެ. ބޮލީވުޑްގެ ޚަބަރުތައް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ފިލްމަކީ ވަރަށް ކާމިޔާބު އެއްޗަކަށްވުމުގެ ފުރުސަތު ބޮޑެވެ.

"ޕަތާން" ގެ އިތުރުން މި އަހަރު ޝާހްރުކްގެ އިތުރު ދެ ފިލްމެއް ވެސް ރިލީޒްވާނެ އެވެ. އެއީ އެކްޝަން ތުރިލާ "ޖަވާން" އާއި ސޯޝަލް ކޮމެޑީ "ދުންކީ" އެވެ.