ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ ފިސާރި ގަދަކޮށް ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހިމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ކޯލިޝަންގެ ފަރާތުން އިއްޔެ ޖަލުގައި ޔާމީނާ ބައްދަލުކުރުމަށް ފަހު އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ފިސާރި ގަދަކޮށް ކަމަށެވެ.
"[އެ މަނިކިފާނު] ވިދާޅުވީ އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަކަކޫ ނުޖައްސަވާނެކަމަށް. އަޅުވެތިކަމަށް ބޯ ނުލަބަވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ. "މަޢުޞޫމްކަން ސާބިތުކޮށް ދެއްވާނެކަމަށް. ރައްޔިތުން މާޔޫސް ނުވެ ގަދަކޮށް ތިއްބެވުމަށް."
ރައީސް ޔާމީނާ މިއަދު ބައްދަލުވި.ހުންނެވީ ފިސާރި ގަދަކޮަށް.ވިދާޅުވީ އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަ ކަކޫ ނުޖައްސަވާނެކަމަށް.އަޅުވެތިކަމަށް ބޯ ނުލައްބަވާނެކަމަށް.މަޢުޞޫމްކަން ސާބިތުކޮށް ދެއްވާނެކަމަށް.ރައްޔިތުން މާޔޫސްނުވެ ގަދަކޮށް ތިއްބެވުމަށް.#RY2023 #HOPEconference #IndiaOu pic.twitter.com/7kIRcDyfR9
— Abdul Raheem Abdulla (@Banafsaa) January 18, 2023
ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި އުފުލި މަނީ ލޯންޑްރިން އާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. އެ މަނިކުފާނަށް ހުކުމް ކުރީ މިދިޔަ މަހުގެ 25 ގަ އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޖަލަށްލުމާ ގުޅިގެން އެ ކޯލިޝަނުން އަންނަނީ "ހުކުމް ހަރާން" ކަމަށް ބުނެ، ޔާމީން މިނިވަން ކުރަން ގޮވާލައި މާލޭގައި ސިލްސިލާ މުޒާހަރާތައް ބާއްވަމުންނެވެ. އަދި ޔާމީނާ ނުލައި މި އަހަރުގެ ރިޔާސ އިންތިހާބު ބޭއްވުމުގެ ފުރުސަތު ނުދޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ.