Last Updated: April 19, 22:45
Saturday, April 20, 2024
މުނިފޫހިފިލުވުން

ދެމަފިރިންގެ ދެ ފިލްމު އެއް ދުވަހަކު

ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ފިލްމުތަކެއް އެއް ދުވަހެއްގައި ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރަންބީރްގެ ޑާކް ތުރިލާ "އެނިމަލް" މި އަހަރުގެ އޮގަސްޓް 11 އަށް ތާވަލުކޮށްފައި ވަނިކޮށް އާލިއާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން" ވެސް ވަނީ ހަމަ އެ ތާރީހުގައި ގެނެސްދޭން ވަނީ ނިންމައިފަ އެވެ. އެކަމަކު ރަންބީރްގެ ފިލްމާ ހިލާފަށް އާލިއާގެ ފިލްމު ސިނަމާތަކަށް ނުގެންނާނެ އެވެ. "ހާޓް އޮފް ސްޓޯން" ބެލުންތެރިންނަށް ދޫކޮށްލާނީ ސީދާ ނެޓްފްލިކްސް މެދުވެރިކޮށެވެ.

މިދިޔަ އަހަރު ޝޫޓިން ނިންމާފައި އޮތް ސްޕައި އެކްޝަން ތުރިލާގެ ކާސްޓްގައި "ވޮންޑަ ވުމަން" ގެ ބަތަލާ ގަލް ގެޑޯ އާއި "ފިފްޓީ ޝޭޑްސް" ގެ އެކްޓަރު ޖެމީ ޑޯނަން ވެސް ހިމެނެ އެވެ. "ހާޓް އޮފް ސްޓޯން" ގެ ޑައިރެކްޓަރަކީ "ވައިލްޑް ރޯޒް" އާއި "ދި އެރޮނޯޓްސް" ފަދަ ފިލްމުތައް ގެނެސްދިން ޓޮމް ހާޕާ އެވެ.

މި ފިލްމުގެ ކުރިން އާލިއާގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް" ކަހާނީ ބެލުންތެރިންނާ ހަމައަށް އަންނާނެ އެވެ. ކަރަން ޖޯހަރް ޑައިރެކްޓްކޮށްފައިވާ މި ރޮމޭންޓިކް ކޮމެޑީ ތާވަލުކޮށްފައި އޮތީ އެޕްރީލް 28 އަށެވެ.

ރަންބީރްގެ "އެނިމަލް" އަކީ 2019 ގެ "ކަބީރް ސިންގް" ގެނެސްދިން ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ފިލްމެކެވެ. މީގެ ކާސްޓްގައި ރަޝްމިކާ މަންދަނާ، އަނިލް ކަޕޫރް، ޓްރިޕްތީ ދިމްރީ އަދި ބޮބީ ޑިއޯލް ހިމެނެ އެވެ. "އެނިމަލް" ގެ ކުރިން މި އަހަރު ބެލުންތެރިންނަށް ފެންނާނެ ރަންބީރްގެ ފުރަތަމަ ފިލްމަކީ މާޗް 8 އަށް ތާވަލުކޮށްފައި އޮތް ރޮމޭންޓިކް ކޮމެޑީ "ތޫ ޖޫޓީ މޭ މައްކާރް" އެވެ.

ފާހަގަކޮށްލެވޭ ކަމަކީ ރަންބީރްގެ "އެނިމަލް" އާއި އާލިއާގެ "ހާޓް އޮފް ސްޓޯން" އަކީ ދެ ތަރިން މިދިޔަ އަހަރުގެ އެޕްރީލް 14 ގައި ކައިވެނިކުރި ފަހުން ކުޅުނު ފުރަތަަމަ ފިލްމުތައްކަމެވެ. ދެމަފިރިންގެ މިހާރު ދަރިއަކު ވެސް އެބައޮތެވެ.

ރަންބީރާއި އާލިއާ މިހާތަނަށް އެކީގައި ކުޅުނީ އެންމެ ފިލްމެކެވެ. އެއީ މިދިޔަ އަހަރުގެ "ބުރަސްމަސްތުރާ" އެވެ.