Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

އަނިޔާވެރިންގެ އަތްމައްޗަށް ވެރިކަން ފުރޮޅޭކަށް ބޭނުމެއް ނޫން

ރާއްޖޭގެ ވެރިކަން އަނެއްކާ ވެސް އަލުން އަނިޔާވެރި ބައެއްގެ މައްޗަށް ފުރޮޅިގެން ދާން ބޭނުންވެވަޑައި ނުގަންނަވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭންގެ ތެރެއިން މިއަދު ށ. ކަނޑިތީމަށް ވަޑައިގެން ސަޕޯޓަރުންތަކާ އެކީ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިއަދު ނިންމާ ނިންމުމުގެ އަސަރު ރިޔާސީ އިންތިހާބަށް ކުރާނެ ކަމަށެވެ.

"ވެރިކަން މުޅިން އެހެން ބައެއްގެ އަތް މައްޗަށް ފުރޮޅި އަނިޔާވެރިކަމުގެ ތެރެއަށް ގޮސްދާނެ. އެއީ އަޅުގަނޑު ގޮވައިގެން ދާން ބޭނުންވާ ތަނެއް ނޫން." ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަމާ އެކީ މަގުމަތީ ހޭދަކުރި މީހުން ދުލެއް ވެސް ނުކުރެވޭނެ ކަމަށެވެ. ރައީސް ވިދާޅުވީ އެމްޑީޕީން މަގުމަތީގައި ހަތް އަހަރު ހޭދަކޮށް ވަރަށް އަނިޔާވެރި ދުވަސްތަކެއް ތަހައްމަލު ކޮށްފައިވާ ކަމަށެވެ. އަދި އެ އަނިޔާވެރިކަމުގައި ޕާޓީގެ އެތައް ބަޔަކު އެއްވެސް ހުކުމެއް ނެތި ކުޑަ ގޮޅީގައި އެތައް ދުވަހެއް ހޭދަ ކުރި ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންވެ މިހާރު އެއީ ނުހިނގާ ކަންކަމެއް ކަމަށް ހަދައިގެން ނުތިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެ އިހުސާސްތައް އެބަހުރި އަޅުގަނޑުގެ. އެ އަނިޔާވެރިކަމާއެކީގައި މަގުމަތީގައި ހޭދަ ކުރި ދުވަސްތަކުގައި ބައިވެރިވި މީހުންނެއް ދުލެއް ނުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ. "އެއީ ނެތް ދުވަހެއް ކަމަށް ހަދައި އެ ހަތް އަހަރު ނުފެންނަ ބަޔަކަށް އެ ދުވަހުގެ އިހުސާސްތަކެއް ނުކުރެވޭނެ."

ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީ މިހާރު އޮތީ ވަރަށް ހާލުގައި އެތައް އަހަރެއް އުޅުމަށް ފަހު އަމާން ބަނދަރެއްގަ އެވެ. އެހެންވެ ދެން ވެސް ނިންމަން ޖެހޭނީ އެ އަނިޔާވެރިކަމަށް އެނބުރި ދާނީތޯ ނުވަތަ ތަރައްގީ އައިގެން ކުރިޔަށް ދާނީތޯ ރައީސް ވިދާޅުވި އެވެ. އެހެންކަމުން އެ ސުވާލަށް ޖަވާބު ދީ ޕްރައިމަރީގައި ވޯޓުލާ ގޮތަކުން ވެރިކަން މުޅިން އެހެން ބައެއްގެ އަތް މައްޗަށް ފުރޮޅި ދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މި މަހުގެ 28 ގައި ބާއްވާ ޕްރައިމަރީގައި ރައީސާ ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.