Last Updated: June 23, 13:06
Tuesday, June 23, 2026
ޚަބަރު

ނަޝީދަކީ ރީއްޗަށް ކަން ކުރާ މީހެއް ނޫން: ރޮޒޭ

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރީއްޗަށް ކަން ކުރައްވާނެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ކަނޑައެޅުމަށް އެ ޕާޓީ އަށް ޕްރައިމަރީ އަށް ބާއްވަން ނުޖެހޭނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެެ.

އޭނަ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ޕްރައިމަރީ ބާއްވަން ނުޖެހުނު ނަމަ އެމްޑީޕީގެ ހުރިހާ އެންމެން އެކަތިގަނޑެއްގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ހޮވަން ނުކުތީސް ކަމަށެވެ.

"ރިވެތި ގޮތަށް ކަންތައް ކުރާ ނަމަ ރިޔާސީ ނިޒާމެއްގައި ޕާޓީގެ ސިޓިން ޕްރެޒިޑެންޓެއް ހުއްޓާ ދެވަނަ ދައުރަކަށް ޕްރައިމަރީއެއް ނުވެސް އޮންނާނެ،" ރައީސަށް ތާއީދުކުރައްވާ މެމްބަރު ވިދާޅުވި އެވެ. "އަދި އެ މަނިކުފާނާ [ނަޝީދު] ވާދަކޮށް ޕާޓީތެރެ ގަޑުބަޑުކުރާކަށް ނުވެސް އުޅުއްވާނެ. އެކަތިގަނޑެއްހެން އެންމެން އެކީ ރައީސާ އެކީ ނުކުތީސް."

ރޮޒޭ ވިދާޅުވި ގޮތުގައި ނަޝީދު ދެވަނަ ދައުރަކަށް 2013 ގައި ނުކުމެވަޑައިގަތް އިރު އެ މަނިކުފާނާ ޕްރައިމަރީގައި ވާދަކުރައްވަން ޕާޓީން އެއްވެސް ބޭފުޅަކު ނުކުމެވަޑައެއް ނުގަންނަވަ އެވެ.

"އެއީ ރިވެތި ގޮތަށް ކަންތައް ކުރަންވެގެން. ރައީސް ނަޝިދަށް އެ ރިވެތި ގޮތް ނޭނގުމުގެ އަގު އެމްޑީޕީއަށް ބޮޑުވާނެ،" އޭނާ ވިދާޅުވި އެވެ.

މި މަހުގެ 28 ގައި ބާއްވާ ޕްރައިމަރީ އަށް ދެން ކެންޑިޑޭޓުން ވެސް ގެންދަވަނީ މިހާރު ވަރަށް ފޯރީގައި ކެމްޕޭން ކުރައްވަމުންނެވެ.

ރައީސް ވިދާޅުވަމުން ގެންދަވަނީ ޕްރައިމަރީ ކާމިޔާބުކޮށް، މި އަހަރުގެ ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ރައީސް އިންތިހާބަށް ނެރެގެން އެމްޑީޕީ އަށް ކާމިޔާބު ނުވާނެ ކަމަށާއި ކާމިޔާބު ވާނީ އެ މަނިކުފާނަށް ރިޔާސީ ޓިކެޓް ދީގެން ކަމަށެވެ. އަދި ޕްރައިމަރީ ކާމިޔާބު ކުރެއްވޭނެ ކަމަށް ވެސް ނަޝީދު ގެންދަވަނީ ވިދާޅުވަމުންނެވެ.

ރައީސާއި ނަޝީދާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ހެދި އެމްޑީޕީ މިހާރު އޮތީ ދެ ފަޅިވެފަ އެވެ. ނަޝީދު ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ ރައީސް ދެވަނަ ދައުރަކަށް ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައި ވަނިކޮށެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ.