Last Updated: April 20, 11:14
Saturday, April 20, 2024
މުނިފޫހިފިލުވުން

ބަންސާލީ ދިން ފުރުސަތު ރީނާ ގަބޫލެއް ނުކުރި

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ނެޓްފްލިކްސްއާ ގުޅިގެން ހަދާ ވެބް ސީރީޒް "ހީރާމަންޑީ" އިން ލިބުނު ފުރުސަތު ދޫކޮށްލާފައިވާ ކަމަށް ކުރީގެ މަޝްހޫރު ބަތަލާ ރީނާ ރޯއި ބުނެފި އެވެ.

ހަތްދިހަ އާއި އަށްޑިހައިގެ ތެރޭގައި އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭގައި ހިމެނުނު 66 އަހަރުގެ ރީނާ ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ބަންސާލީ ދިން ފުރުސަތު ދޫކޮށްލަން ޖެހުމަކީ ހިތްދަތި ކަމެއް ކަމަށެވެ. އޭނަ ބުނި ގޮތުގައި "ހީރާމަންޑީ" އިން ލިބުނީ އޭގެ ހަމައެކަނި މުޖުރާ ލަވައެއްގެ ނެށުމެވެ.

"އެއްވެސް ބެކް ސްޓޯރީއެއް އެ ކެރެކްޓާއަކު ނެތް. ނެށުމެއް ދައްކާލާފައި ގެއްލޭ ކެރެކްޓާއެއް އެއީ. އެހެންވެ އެއްވެސް ބެކް ސްޓޯރީއެއް ނެތް ކެރެކްޓާއަކަށް ހަވާލު ނުވާންވެގެން އެ ދޫކޮށްލީ،" ރީނާ ބުންޏެވެ. "އެކަމަކު ބަންސާލީ އަކީ އަހަރެން އެކީގައި މިހާރު މަސައްކަތް ކުރަން ވަރަށް ބޭނުންވާ ޑައިރެކްޓަރެއް."

"ނާގިން" އާއި "ކާލިޗަންރަން" އާއި "އޭކް ދޫޖޭ ކޭ ލިޔޭ" އާއި "އަޕްނާޕަން" އާއި "އާޝާ" ފަދަ މަގުބޫލުތަކުން ފެނިފައިވާ ބަަތަލާ ބުނީ އޭނަ މިހާރު ހުރީ އަނެއްކާ ވެސް އެކްޓިންއާއިގެން ކުރިއަށް ދާން ތައްޔާރަށް ކަމަށެވެ. އަދި ދަރިފުޅު ވެސް ބޮޑުވެފައިވާތީ މިހާރު ފިލްމީ މަސައްކަތްތަކަށް ވަގުތު ދޭން އެއްވެސް ހުރަހެއް ނެތް ކަމަށް ބުންޏެވެ.

ރީނާގެ ހުންނަނީ ސަނަމް ޚާން ކިޔާ އެންމެ އަންހެން ކުއްޖެކެވެ. ރީނާ އާއި ޕާކިސްތާންގެ ކުރީގެ ކްރިކެޓް ތަރި އަދި އެކްޓަރު މުހުސިން ޚާންގެ ކައިވެނި ވަނީ 90 ގެ ތެރޭގައި ރޫޅިފަ އެވެ.

ރީނާ ބުނީ މިހާރު އޭނަ އަށް ވަރަށް ގިނަ ހުށަހެޅުންތައް ލިބެމުން އަންނަ ކަމަށެވެ. ހާއްސަކޮށް ވެބް ކޮންޓެންޓްތަކުންނެވެ.

"އެހެންވެ ހިތްހަމަޖެހޭ ކަހަލަ އެއްޗެހީގައި ބޭނުން މަސައްކަތްކުރަން. ކިތަންމެ ކުރު ރޯލަކަށް ވިޔަސް އޮއްޓަރެއް ހުރި ރޯލެއް ކަމަށް ވަންޏާ ހަވާލުވާން ތައްޔާރަށް މި ހުރީ." ރީނާ ބުންޏެވެ.

ބަންސާލީގެ "ހީރާމަންޑީ" އިން ލިބުނު ފުރުސަތު ރީނާ ދޫކޮށްލި އިރު، މީގެ ކާސްޓް އަދި މިހާތަނަށް ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. އެކަމަކު އަޑުއަތައް އަރާފައިވާ ގޮތުން 7 އެޕިސޯޑަށް ހަދާ ސީރީޒްގެ ކާސްޓްގައި ސޮނާކްޝީ ސިންހާ، މަނީޝާ ކޮއިރަލާ، ހުމާ ގްރޭޝީ، އަދިތީ ރާއޯ ހައިދަރީ، ރޭކާ، ޖެކީ ޝްރޮފް، ފަރުދީން ޚާން އަދި އޭ އޭނަގެ މައިދައިތަ ކުރީގެ ބަތަލާ މުމްތާޒްގެ އިތުރުން ފަރީދާ ޖަލާލު ފަދަ ތަރިން ހިމެނެ އެވެ.

"ހީރާމަންޑީ" އަކީ އިންޑިއާ އަށް މިނިވަންކަން ލިބުމުގެ ކުރިން ލާހޯރްގެ ރެޑް ލައިޓް އޭރިއާގައި އުޅުނު ނުފޫޒު ގަދަ މީސްމީހުންގެ ޝާހީ ޖާރިޔާއިންގެ ގޮތުގައި މަސައްކަތްކުރި އަންހެނުންތަކެއްގެ ވާހަކަ ކިޔައިދޭ އެއްޗެކެވެ.