Last Updated: May 8, 02:23
Tuesday, May 7, 2024
މުނިފޫހިފިލުވުން

"ކެޕްޓަން އިންޑިއާ" ޑައިރެކްޓްކުރަން އަބީޝެކަށް

ކާތިކް އާރިއަން ސޮއިކޮށްފައިވާ ފިލްމު "ކެޕްޓަން އިންޑިއާ" ނަހަދަން ނިންމާފައިވާކަމުގެ އަޑުތަކެއް އަރާފައި ވަނިކޮށް، މި ފިލްމާ ބެހޭ އެހެން ވާހަކައެއް މިހާރު ދެކެވެން ފަށައިފި އެވެ.

މީޑިއާތަކުން ބުނީ ކުރިން ހެންސަލް މެހެތާ ޑައިރެކްޓްކުރަން އޮތް ފިލްމު ޑައިރެކްޓްކުރަން މިހާރު އަބީޝެކް ކަޕޫރަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ ރޯނީ ސްކްރޫވާލާ އާއި ހަރްމަން ބަވޭޖާއާ އެކީ މަޝްވަރާތައް ވެސް މިހާރު ކުރިއަށްދާ ކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުންޏެވެ.

އަބީޝެކަކީ މިދިޔަ އަހަރު އަޔޫޝްމަން ކްރާނާގެ "ޗަންދީގަޅް ކަރޭ އާޝީގީ" ގެނެސްދިން ޑައިރެކްޓަރެވެ. އޭނަ ހަދާފައިވާ ފިލްމުތަކުގެ ތެރޭގައި "ކޭދަރުނާތު"، "ކައި ޕޯ ޗޭ"، "ފިތޫރު" އަދި "ރޮކްއޯން" ހިމެނެ އެވެ.

މީޑިއާތަކުން ބުނީ އަބީޝެކް ލައްވައި "ކެޕްޓަން އިންޑިއާ" ޑައިރެކްޓްކުރުވަން ނިންމީ ހެންސަލް އަމިއްލަ ސަބަބުތަކަކާ ހެދި ފިލްމު ދޫކޮށްލުމުން ކަމަށެވެ. އޭނަ މިހާރު އަންނަނީ އަންނަ މަހުގެ 3 ގައި އެކްޝަން ތުރިލާ "ފަރާޒް" ގެނެސްދޭން ތައްޔާރުވަނުންނެވެ. ހެންސަލް ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ސިޓީ ލައިޓްސް"، "ޝާހިދު"، "އަލީގަޅް" އަދި "ޗަލާންގް" ހިމެނެ އެވެ.

"ކެޕްޓަން އިންޑިއާ" އަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ހަދަން ނިންމާފައިވާ ފިލްމެކެވެ. ކާތިކް ޕައިލެޓެއްގެ ރޯލު ކުޅެން ހަމަޖެހިފައިވާ ފިލްމު ޑައިރެކްޓްކުރަން އަބީޝެކް ގެންނަން ވާހަކަ ދެކެވެމުން އަންނަ އިރު، ޒުވާން އެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 10 ގައި ރިލީޒްކުރާ "ޝެހެޒާދާ" އެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަބީޝެކް މިހާރު އަންނަނީ އަޖޭ ދޭވްގަނާއި އޭނަ އަށް ބޮޑުބޭބެ ކިޔާ އާމަން ދޭވްގަން ހިމަނައިގެން ވަރުގަދަ އެކްޝަން ފިލްމެއް ހެދުމަށް ތައްޔާރުވަމުންނެވެ.