Last Updated: June 23, 13:06
Tuesday, June 23, 2026
ޚަބަރު

އަލްހާންގެ ފޯނު ހިފަހައްޓައިފި

ކޯޓު އަމުރެއްގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާނު ފަހުމީގެ ފޯނު ހިފަހައްޓައިފި އެވެ.

ފޯނު ހިފަހައްޓާފައި ވަނީ ކޯޓް އަމުރެއްގެ ދަށުން އޭނަގެ ކުންފުނި، ކިންގް ކެޕިޓަލް ހޯލްޑިންގްސްގެ އޮފީސް ރޭ ވެސް ފާސްކުރުމަށް ފަހު އެވެ. އަލްހާންގެ މައްޗަށް ވަނީ ޕޮންޒީ ސްކީމެއް ހިންގި ކަމަށް ތުހުމަތުކުރެވިފަ އެވެ. އަދި މިދިޔަ އަހަރު ފެންމަތިވި އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ވެސް ކުރަމުންނެވެ.

މަކަރާއި ހީލަތް ހަދައިގެން މީހުން އަތުން ފައިސާ ނަގައި މަނީލޯން ކުރިކަމަށް ބުނެ ފުލުހުން ކުރި ތުހުމަތާ ގުޅިގެން މީގެ ކުރިން އަލްހާން ފުލުހަށް ހާޒިރު ވެސް ކޮށްފައިވެ އެވެ.

ކިންގް ކެޕިޓަލް ހޯލްޑިންގްސްގެ އޮފީހަށް ކޯޓް އަމުރެއގެ ދަށުން ރޭ ވަދެ، ފާސްކުރި އިރު، އެ އަމުރުގައި ބުނެފައި ވަނީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ކުންފުނިން ރާއްޖޭގައި މާލީ ސެކިއުރިޓީޒް ގާނޫނާ ޚިލާފަށް، އާންމުކޮށް ހުޅުވާލައިގެން ސްކީމެއް ތައާރަފުކޮށްފައިވާ ކަމަށެވެ. އެ ސްކީމުން އިންވެސްޓަރުންނަށް މަންފާ ލިބޭކަން ދައްކަމުން ދާ ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.

އެ އަމުރު ނެރެފައިވާ ސަބަބެއް ކަމަށް ނެފައި ވަނީ ކިންގްސް ކުންފުނިން ހިންގާ ކިންގްސް ފޮރެކްސް އިންވެސްޓްމަންޓާ ގުޅޭގޮތުން އިންވެސްޓަރުންނާއެކު ކުރި މުއާމަލާތުގެ މައުލޫމާތާ، އިންވެސްޓްމަންޓާ ގުޅުން ހުރި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ހެއްކާއި ގަރީނާ ހޯދުމަށް ކަމަށެވެ. އޭގެ އިތުރުން އޮންލައިން ޕްލެޓްފޯމުތަކުގައި ބޭނުންކޮށްފައިވާ ޑިޖިޓަލް ކަރަންސީއާ ގުޅޭ އެންމެހައި މައުލޫމާތު ދެނެގަތުމަށް ކަމާ ގުޅުންހުރި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަކީ ވެސް އެ ކޯޓު އަމުރު ނެރެފައިވާ ސަބަބެއް ކަމަށް އަމުރުގައި ބަޔާން ކޮށްފައިވެއެވެ.