ހއ. އަތޮޅުގައި ރިސޯޓު ހަދަން އަންނަ ހަފުތާ ތެރޭގައި އިތުރު ތިން ރަށެއް ބީލަމަށް ހުޅުވައިލަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.
މިކަން އިއުލާންކޮށްފައި ވަނީ މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގަ އެވެ. އެކަމަކު އެ ޓްވީޓްގައި އެއީ ކޮން ރަށްތަކެއް ހާމަކޮށްފައެއް ނުވެ އެވެ.
ތިލަދުންމަތީގައި ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، އަމާޒަކީ ހއ. އަތޮޅުގެ ބެޑް ކެޕޭސިޓީ 8،000 އިތުރުކުރުމެވެ. އެހެންވެ އަލަށް ބީލަމަށް ލާން ތިން ރަށާ އެކީ ޓޫރިޒަމް ދާއިރާ އިން އިތުރު ކުރިއެރުންތަކެއް ލިބުމަށް މަގުފަހިވާނެ ކަމަށް ސަރުކާރުން ބުންޏެވެ.
ހަނިމާދޫ އިންޓަނޭޝަން އެއަރޕޯޓް ވެސް އިތުރަށް ތަރައްގީކޮށް ޒަމާނީކުރަން މިދިޔަ ބުދަ ދުވަހުގެ ރޭ ވަނީ އެ އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއު ވެސް އިތުފިތާހުކޮށްފަ އެވެ. އެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޒަމާނީ ޓާމިނަލަކާއި އެއާޕޯޓަށް ބޭނުންވާނެ އެހެނިހެން މުހިއްމު ގިނަ ވަސީލަތްތައް ގާއިމުކުރާނެ އެވެ.
އަމާޒަކީ އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއު އަންނަ އަހަރަށް ނިންމުމެވެ.