Last Updated: May 1, 20:45
Wednesday, May 1, 2024
މުނިފޫހިފިލުވުން

"ލާހޯރް: 1947" އަށް ސަނީ

ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ އާއި އެކްޓަރު ސަނީ ޑިއޯލް އަލުން ފިލްމެއްގެ މަސައްކަތް ކުރަން އުޅޭ ވާހަކަ ދެކެވޭތާ މިހާރު ގިނަ ދުވަސްތަކެއްވެއްޖެ އެވެ.

އެ ދެ މީހުން އެކީގައި ކުރިން ގެނެސްދިން ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ގާޔަލް"، "ދާމިނީ" އަދި "ގަތަކް" ހިމެނެ އެވެ. މި ފަހަރު މިއޮތީ އާ ޕްރޮޖެކްޓެއް އިއުލާންކޮށްފަ އެވެ. އެއީ "ލާހޯރް: 1947" އެވެ. މި ފިލްމުގެ ވާހަކަ ރަސްމީކޮށް ސަންތޯޝީ ހިއްސާކުރީ މި މަހުގެ 26 ގައި ރިލީޒްކުރާ އޭނަގެ އާ ފިލްމު "ގާންދ ގޯދްސޭ: އޭކް ޔުދު" ގެ ޕްރޮމޯޝަންގެ ތެރެއިން ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގަ އެވެ.

ސަންތޯޝީ ބުނީ ދެން އޭނަ ހަދާނެ ފިލްމަކީ "ލާހޯރް: 1947" ކަމަށެވެ. މިއީ އިންޑިއާ ބައިބައިވެ، ޕާކިސްތާން އުފެދިގެން ދިޔަ ހާދިސާ އާއި މިނިވަކަން ލިބުނު އަހަރުގެ ހިތްދަތި ވާހަކަ ފަދަ އެތައް ކަމެއް ދައްކުވައި ދޭނެ ފިލްމެކެވެ. ފިލްމުގެ ޝޫޓިން އަންނަ މާޗް މަހުގެ 1 ގައި ފަށާ ގޮތަށް މިހާރު އޮތީ ތާވަލުކޮށްފަ އެވެ.

"ފިލްމަށް ވާން ޖެހޭ ތައްޔާރީތައް ކުރިއަށް އެބަދޭ. ވަރަށް ޒަމާންކޮށްފައި އަނެއްކާ ވެސް ސަނީއާ އެކީ މަސައްކަތްކުރެވޭތީ ވަރަށް ހިތްހަމަޖެހިފައި މި ހުރީ." ކުޅަދާނަ ޑައިރެކްޓަރު ބުންޏެވެ.

ސަންތޯޝީ ބުނި ގޮތުގައި އަމާޒަކީ "ލާހޯރް: 1947" ގެ ޝޫޓިން މާޗްގައި ފަށައި މެއި އަށް ނިންމައިލުމެވެ. އޭގެ ފަހުން އޭނަ ކުރިން ގެނެސް ދީފައިވާ 1994 ގެ "އަންދާޒާ އަޕްނާ އަޕްނާ" ސްޓައިލްގެ ކޮމެޑީ ފިލްމެއްގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ބުންޏެެވެ. އެއަށް ދީފައިވާ ނަމަކީ "އަދާ އަޕްނީ އަޕްނީ" އެވެ.

ނަމަވެސް ސަނީއާ އެކީ ހަދާ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް ނުބުނެ އެވެ.

ސަނީގެ މި އަހަރަށް ހުރި ފިލްމުތަކުގެ ތެރޭގައި 2001 ގެ "ގަދަރު: އޭކް ޕްރޭމް ކާތާ" ގެ ސީކްއެލް ހިމެނެ އެވެ. އެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އޮގަސްޓް 11 ގަ އެވެ.