Last Updated: July 26, 06:31
Sunday, July 26, 2026
ޚަބަރު

ވިލިމާލޭގައި ބަހުގެ ހިދުމަތް ފަށައިފި

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) އިލެކްޓްރިކް ބަހުގެ ޚިދުމަތް ވިލިމާލޭގައި މިއަދު ހަވީރު ފަށައިފި އެވެ.

މި ޚިދުމަތަށް ވިލިމާލޭގައި ބޭނުންކުރަނީ ހަ ބަހެވެ. އެމްޓީސީސީން ބުނީ މި ބަސްތަކުގައި 11 މީހުންނަށް އިށީނދެގެން ތިބެވޭނޭހެން ސީޓު ހަރުކޮށްފައި ހުންނާނެކަމަށެވެ. އަދި ހަތަރު މީހުންނަށް ކޮޅަށް ތިބެވޭނެ ޖާގައާއެކު ޖުމްލަ 15 މީހުންނަށް އެއްފަހަރާ މި ބަހުގައި ދަތުރުކުރެވޭނެކަމަށް އެމްޓީސީސީން ބުނެ އެވެ.

މިއަދުން ފެށިގެން ދެ ހަފުތާއަށް ބަހުގެ ޚިދުމަތް ވިލިމާލޭގައި ފޯރިކޮށްދޭނީ މުޅިން ހިލޭ އެވެ. އެ މުއްދަތު ހަމަވުމުން އަގު ނަގައިގެން ދަތުރުކުރި ނަމަވެސް 65 އަހަރުން މަތީގެ މީހުންނަށާއި ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީކާޑު ދައްކައިގެން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެންސްޕާއިން ދޫކޮށްފައިވާ ކާޑު ދައްކައިގެން ހިލޭ ދަތުރުކުރެވޭނެ އެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ މަޤްސަދަކީ އެކަށީގެންވާ އަގެއްގައި ލުއި ފަސޭހަކަމާއިއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުން ކަމަށެވެ.