Last Updated: April 19, 17:13
Friday, April 19, 2024
މުނިފޫހިފިލުވުން

ރަވީނާގެ ދަރިފުޅު ފިލްމު ކުޅެން ފަށަނީ

ބޮލީވުޑްގެ ބަތަލާ ރަވީނާ ޓަންޑަންގެ ދަރިފުޅު ރަޝާ ތަޑާނީ ބޮލީވުޑަށް ނުކުންނަން ތައްޔާރުވާން ފަށައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އަހަރު 18 އަހަރު ފުރޭ ރަޝާ ބޮލީވުޑަށް ތައާރަފުކުރަނީ މިދިޔަ އަހަރު "ޗަންދީގަޅް ކަރޭ އާޝިގީ" ގެނެސްދިން ޑައިރެކްޓަރު އަބީޝެކް ކަޕޫރެވެ. އޭނަ އަކީ 2018 ގެ "ކޭދަރުނާތު" އިން ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އަލީ ޚާނާއި 2020 ގައި ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު 2013 ގެ "ކައި ޕޯ ޗޭ" އިން ބޮލީވުޑަށް ނެރުނު ޑައިރެކްޓަރު ވެސް މެ އެވެ.

 

View this post on Instagram

 

A post shared by Rasha (@rashathadani)

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ރަވީނާގެ ދަރިފުޅު ރަޝާގެ ފުރަތަމަ ފިލްމަކީ އަޖޭ ދޭވްގަނާއި އޭނަ އަށް ބޮޑުބޭބެ ކިޔާ އާމަން ދޭވްގަނާ އެކީ އަބީޝެކް ހަދަން ނިންމާފައިވާ އެކްޝަން ތުރިލާ ކަމަށެވެ. މީގެ ވާހަކަ މީޑިއާތަކަށް ތިލަވީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. ރިޕޯޓްތައް މިހާރު ބުނާ ގޮތުން އަންނަ މެއި މަހުގެ ތެރޭގައި ޝޫޓިން ފެށުމަށް ތައްޔާރީތައް ވަމުން އަންނަ ފިލްމުގެ ބަތަލާގެ ރޯލަށް ރަޝާ ވަނީ ނަގައިފަ އެވެ.

ނަމަވެސް މި ފިލްމާ ބެހޭ އެއްވެސް ވާހަކައެއް އަބީޝެކް އަދި ދައްކައިފައެއް ނުވެ އެވެ. އެކަމަކު މިއީ ބޮޑު ބަޖެޓަކުން ހަދަން ހަމަޖެހިފައިވާ ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެއް ކަމަށް މީޑިއާތަކުން ބުނެ އެވެ. މިއިން ބޮލީވުޑަށް ނެރެން އުޅޭ އާމަން އަކީ އަޖޭގެ އަންހެން ކޮއްކޮ ނީލަމް ދޭވްގަންގެ ދަރިއެކެވެ.

އަބީޝެކް، އާމަން އަދި ރަޝާ.

ރަޝާ ބޮލީވުޑް ދަތުރު ފަށަން ތައްޔާރުވާ އިރު އޭނަ އަކީ ރަވީނާ އާއި ފިލްމު ޑިސްޓްރިބިއުޓަރު އަނިލް ތަޑާނީ އަށް ލިބުނު ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ދެން ހުންނަނީ ރަންބީރް ތަޑާނީ ކިޔާ 15 އަހަރުގެ ފިރިހެން ކުއްޖެތެވެ. ބޮލީވުޑްގައި 90 ގެ ތެރޭގައި އެންމެ ވިދި ބަތަލާއިންގެ ތެރޭގައި ހިމެނޭ ރަވީނާ ކައިވެނީގެ ކުރިން ދެ އަންހެން ކުއްޖަކު އެޑޮޕްޓް ވެސް ކުރި އެވެ. އެއީ މިހާރު އުމުރުން 39 އަހަރުގެ ޕޫޖާ ޓަންޑަނާއި 36 އަހަރުގެ ޗާޔާ ޓަންޑަނެވެ. ޕޫޖާ ކައިވެނިކޮށް މިހާރު ދަރިއަކު ވެސް އެބައޮތެވެ.

 

View this post on Instagram

 

A post shared by Ajay Devgn (@ajaydevgn)

ރަވީނާ، 48، ގެ އުފަން ދޮށީ ދަރިފުޅު ފިލްމު ކުޅެން ފަށާ އިރު، ކާމިޔާބު ފިލްމުތަކެއް ކުޅުނު ބަތަލާ އަކީ މިހާރު ވެސް މަދުމަދުން ފިލްމުތަކާއި ވެބް ސީރީޒްތަކުން ފެންނަ ތަރިއެކެވެ. ރަވީނާ ބޮލީވުޑަށް ނުކުތީ ސަލްމާން ޚާނާ އެކީ ކުޅުނު 1991 ގެ "ޕައްތަރު ކޭ ޕޫލް" އިންނެވެ. އޭނަގެ އެެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" އެވެ.

ރަވީނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ސަންޖޭ ދަތުގެ "ގުޅުޗާޅީ" އާއި އަރްބާޒް ޚާންގެ "ޕަޓްނާ ޝުކްލާ" ހިމެނެ އެވެ.